ޓްރީ ޓޮޕް ހޮސްޕިޓަލުން 45 އަހަރުން މަތީގެ އުމުރުފުރައިގެ ފަރާތްތަކަށް އަމާޒުކޮށްގެން ހިލޭ ލޮލުގެ ޑޮކްޓަރަށް ދެއްކޭ ހާއްސަ "ކެޓަރެކްޓް ކެމްޕޭން" އެއް ފަށައިފިއެވެ.

"ކެޓަރެކްޓް ކެމްޕޭން" ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އިން 13 އަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ކެމްޕޭނުގައި ދިވެހިންނާއި ބިދޭސީންގެ އިތުރުން ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެ ކަމަށާއި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ހަވީރު 5:30 އަށް ކޮންސަލްޓޭޝަންތައް ކުރިއަށްދާނެ ކަމަށެވެ.

އެ ކެމްޕޭނުގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކަށް އިންޝުއަރަންސް އަދި އާސަންދަ ފިޔަވައި އިތުރު އެއްވެސް ހަރަދަކާ ނުލައި ޑޮކްޓަރަށް ދައްކައި ލޮލުގެ ސްކްރީނިން ހެދޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ،

އެ ކެމްޕޭނުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް ކުރިއާލާ ރަޖިސްޓްރީ ކުރެވޭނެއެވެ. ނަމަވެސް، އެޕޮއިންޓްމަންޓް ނުހަދައި ނުވަތަ "ވޯކްއިން" އެޕޮއިންޓްމަންޓުތައްވެސް ޖާގަ އޮތް މިންވަރަކުން ބަލައިގަނެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެހެންނަމަވެސް، އެ ކެމްޕޭނުގެ ދަށުން ޑޮކްޓަރަށް ދެއްކުމާއި ސްކްރީނިން ފިޔަވައި އެހެނިހެން ޓެސްޓުތަކާއި ފަރުވާގެ ހަރަދުތައް ދައްކަންޖެހޭނީ އާންމު އުސޫލުންނެވެ.

ރެޖިސްޓްރީކޮށް ނަން ނޯޓު ކުރުމަށް: https://shorturl.at/VKWMx

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެ ކެމްޕޭނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.