ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު ހައެއްގައި ހުންނަ އެޗްޑީސީގެ އޮފީސް މެދުވެރިކޮށް ބިލުތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެޗްޑީސީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި އެޗްޑީސީގެ އޮފީހެއް ހުޅުވީ މިދިޔަ މެއި މަހުއެވެ.

އެޗްޑީސީން މިއަދު ބުނީ އެ އޮފީހަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމުކުރި އޮފީހެއް ކަމަށެވެ.

އެ އޮފީސް ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރުފަހު 2އަށެވެ. އެ އޮފީހުން މިހާރު ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތް ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުން އައި ހުރިހާ ހިދުމަތެއް މިހާރު ލިބޭނީ ވިނަރެސް އެޗްޑީސީ އޮފީހުންނެވެ.