ހަމާސްގެ ތަރުޖަމާނު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން ބުނީ އެގައުމުގެ މިލިޓަރީން އިއްޔެ ގާޒާގައި ދިން ހަމަލާގައި ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރައެލް ކާޓްޒް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިސްރާއީލުގެ ޑިފެންސް ފޯސްއަށް މަރުހަބާ ކިޔައިފައެވެ.

އިސްރާއީލުން ދިން އެ ހަމަލާގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވާ އިރު، އެ ހަމަލާ ދިނީ ގާޒާ ސިޓީއަށް ކަމަށް އިސްރާއީލުން ބުނެއެވެ. ހަމަލާ ދީފައިވަނީ ހަނގުރާމަވެރިން ގިނަ ސަރަހައްދަކަށް ކަމަށް އޮފިޝަލުން ބުނި ނަމަވެސް އެއީ ކޮން ސަރަހައްދެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް ހަމާސް އިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހަމާސް އިން ބުނީ އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންގެ ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.