ނޫސްވެރިންނާއި، ކަމާބެހޭ މުއައްސަސާތަކުން ދެކޮޅު ހަދައި، އިހުތިޖާޖު ކުރަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާ މެދު މަޝްވަރާކުރުމަށް، އެ ބިލު ދިރާސާކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފުރުސަތުދީފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާޅުވެއްޖެއެވެ.
ބިލު ދިރާސާކުރުމުގެ މަސައްކަތްކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ރެޖިސްޓާޑް ހުރިހާ މީޑިއާތަކަށް މަޝްވަރާ ކުރުމުގެ ދީފައިވާ ކަމަށެވެ. ނަމަވެސް އަދި އެކަމުގައި ބައިވެރިވަނީ ކޮން މީޑިއާތަކެއްކަން ނޭނގޭ ކަަމަށާއި، މާދަމާ ކޮމިޓީން މީޑިއާތަކާ ބައްދަލުކުރާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރެޖިސްޓާޑް ހުރިހާ ނޫސްތަކަށް އަޅުގަނޑު އޮންނާނެ މާދަމާއަށް ފުރުސަތު ދީފަ، ނަމަވެސް އަދި އަޅުގަނޑަށް ލިސްޓެއް ނުލިބޭ، ލިސްޓް ލިބުނީމަ އޮންނާނީ ކޮން ބޭފުޅުންނެއްކަން ތިބީ، ދަންނަވާލަން،"
އޭނާ ވިދާޅުވީ ބިލާ ބެހޭގޮތުން މަޝްވަރާކުރަން ބޭނުން ހުރިހާ ފަރާތަކަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން މޯލްޑީވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބަންޑާރަ ނާއިބު އަހުމަދު އުޝާމާ އަންގާރަ ދުވަހު ބައްދަލުކުރައްވާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބިލުގައި ހުރި ކަންބޮޑުވުންތަަކަކީ ކޮބައިތޯ ބެލުމަށް، ކޮމިޓީން މިއަދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުންނާވެސް ބައްދަލުކޮށްފައެވެ.
އެ ދެ މުއައްސަސާއިންވެސް ވަނީ ބިލަށް ދެކޮޅު ހަދައިފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަކީ އަމިއްލަ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފައެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެއެވެ.
މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް