ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި، ގދ. ފަރެސްމާތޮޑާ، ކޮޕީގެ، އައްޒާމް އަހުމަދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ، ދައުވާކުރުމުގެ މުއްދަތު ހަމަވިފަހުން ކަމަށްބުނެ، ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން ކުރިއަށްގެންދަން ހައިކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އައްޒާމްގެ މައްޗަށް ދައުލަތުން ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގެ ތުހުމަތުގައި އައްޒާމް ބަންދުކޮށްފައި ބެހެއްޓި ނަމަވެސް ފަހުން ކޯޓުން އޭނާ ދޫކޮށްލިއެވެ. އަދި ދައުލަތުން އޭނާގެ މައްސަލަ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ހުށަހެޅި ދައުވާއެއް ކަމަށްބުނެ އެ ދައުވާ ބެލޭނެ ތަނެއް ނެތް ކަމަށް ކޯޓުން ހުކުމްކުރިއެވެ.
ނަމަވެސް އެ ހުކުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުން އެ މައްސަލަ ބަލައި މިއަދު ކުރި ހުކުމްގައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅައި އެ ދައުވާތައް ބެލޭނެ ތަނެއް ނެތްކަމަށް ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވާ ބައި އެ ހުކުމުން ބާތިލުކޮށް، ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުން ބަލާފައިވާ މި މައްސަލަ މިއަދުން ފެށިގެން 10 ދުވަސްތެރޭގައި ދައުލަތުން އައްޒާމް އަހުމަދުގެ މަައްޗަށް އަލުން ހުށަހަޅައިފިނަމަ، އެ މައްސަލަ ކޯޓުން ބަލައިގަނެ، ނިމިފައިވާ ހިސާބުން ފެށިގެން މައްސަލަ ކުރިއަށްގެންދަން އަންގައި ހުކުމްކުރާ ކަމަށެވެ.
އިބްރާހިމް ޒަކީ
އައްޑޫ ސިޓީ
ބޭރު ކުޅިވަރު
މިއުޒިކް އިންޑަސްޓްރީ
ބޮލީވުޑް