ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ރައީސް ކުރައްވާ މި ދަތުރުފުޅުގައި ޗައިނާއަށް ފުރާވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްސީއޯ ސަމިޓްގެ ތެރެއިން ރައީސް މުއިއްޒުއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާއެކު އޮތް ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވަރަށް ފައިދާކުރާނެ ކަމަށެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 25 ވަނަ ދުވަހު މޯދީ ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފައެވެ.