ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރީންނަށް ފާސް ދޫކުރާނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ދޭ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށް ކަނޑައަޅައިފިއެވެ.

އެ ކޮމިޝަން މިގޮތަށް ކަނޑައެޅީ، "ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު" ގަ އެވެ. ނަމަވެސް މިގޮތަށް އަމަލުކުރަން ފަށާނީ ކޮމިޝަނުން އުސޫލު ޝާއިއު ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

ކޮމިޝަނުން ބުނީ މިގޮތަށް ހަމަޖެއްސީ، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ ކަނޑައެޅުމުގެ އިތުރުން ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަގްސަދުގައިކަމަށެވެ.

މި އުސޫލުގެ ދަށުން ޕްރެސް ފާސް ދޫކުރަން ހަމަޖެހިފައިވަނީ، ޓީވީތަކާއި ރޭޑިއޯތަކުގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނާއި ޕްރެޒެންޓަރުންނާއި ލިޔުންތެރިންނާއި ކޮލަމިސްޓުންނާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިސްޓުންނަށެވެ.

އުސޫލުގައި ވާގޮތުގައި، އެކްރެޑިޓްކުރަން ހުށަހަޅާ ނޫސްވެރިންނަކީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި އެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން އެމްކިއުއޭ ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

އެކްރެޑިޓްކުރަން ހުށަހަޅާ ނޫސްވެރިންނަކީ ފާއިތުވި ފަސް އަހަރު ތެރޭ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް މި އުސޫލުގައިވެއެވެ.