ނޫސްވެރީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އަނބުރާ ގެންދަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ގޮވާލައިފިއެވެ.

މީޑިއާ ބިލަކީ އަމިއްލަ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

އެ ބިލް އަނބުރާ ގެންދިއުމަށް މީޑިއާތަކާއި މީޑިއާއާ ގުޅުން ހުރި ފަރާތްތަކުން ގޮވާލުމުން، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ބިލު ދިފާއުކުރައްވައި ވާހަކަ ދައްކަވައިފައެވެ.

މަޖިލީހަށް ބިލް ބަައިގަތުމުން، އެ ބިލް ދިރާސާކުރުމުގެ މަސައްކަތުގެ ތެެރެއިން ބިލާމެދު މަޝްވަރާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ އެމްއެމްސީގެ މެންބަރުންނާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި އެމްއެމްސީގެ މެންބަރުންވަނީ ބިލާމެދު ހުރި ކަންބަޑުވުންތައް ފާޅުކުރައްވައިފައެވެ.

މި މައްސަލައިގައި ވާހަކަދައްކަވަމުން އެމްއެމްސީގެ ރައީސް ހުސައިން ސަގީފު ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި އެމްއެމްސީގެ މެންބަރުން މަޝްވަރާކުރައްވައި ނިންމުންތަކެއް ނިންމަވާފައިވާކަމަށެވެ.

އެގޮތުން މި ބިލަކީ، ޑްރާފްޓް މަރުހަލާގައި ކައުންސިލްގެ އިތުރުން ގުޅުން ހުރި އިދާރާތަކާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް މަޖިލީހަށް ވެއްދި ބިލަކަށްވާތީ، ބިލަށް އިތުރު ހިޔާލުތައް ހުށަނޭޅުމަށާއި، ބިލް ބަލައި ނުގަތުމަށް މަޖިލިސް މެންބަރުންނަށް ކައުންސިލުން ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލުން އެގޮތަށް ނިންމި ސަބަބުތައްވެސް އޭނާވަނީ ކޮމިޓީއާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން އޭނާ ވިދާޅުވީ ބިލް ހުށަހަޅާފައިވަނީ ޑްރާފްޓިން މަރުހަލާގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ނުކޮށް، އަދި އެކަށީގެންވާ ދިރާސާއެއް ނުކޮށް ކަމަށެވެ.

އެ ބިލްގައި ބްރޯޑްކާސްޓިން ކޮމިޝަނާއި އެމްއެމްސީ އެއްކޮށްލަން އޮތް އިރު، އޭގައި އެމްއެމްސީގެ މަސްލަހަތު ހިމެނޭއިރުވެސް އެކަމުގައި ހުރި ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުތައް ކައުންސިލުން އޮޅުން ފިލުވާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި އަނެއްކަމަކީ، މިހާރު ބިލް ފަރުމާކޮށްފައި އޮތްގޮތުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިމުގެ ހައްގާއި އެއާ ގުޅިފައިވާ ހައްގުތައް ހަނިކޮށް ހުރުމެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅިގެންދާނެ، އޭގެ އިތުރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގިނަ މާއްދާތަކެއް ބިލްގެ އެކި ބައިތަކުގައި ހިމަނާފައިވާކަންް ފާހަކުރެވޭ،"

އޭނާ ވިދާޅުވީ ބިލް ފަރުމާކޮށްފައިވަނީ ދެކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް ބިލްގެ ތެެރެއިން ބްރޯޑްކާސްޓަރުންނާއި ރީ ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމާ ގުޅޭ ހައްގުތައް މަސްހުނި ވެފައިވާކަން ފާހަގަވާކަމަށެވެ.

އެެހެންކަމުން ޕްރިންޓް، އޮންލައިން، އަދި މީޑިއާގެ ނޫސްވެރިކަމުގެ ހައްގުތަަކަށް ހިޔަނި އެޅިފައިވާކަން ފާހަގަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޒިންމާދާރު ނޫސްވެރިކަމުގެ ވެއްޓެއް ރާއްޖޭގައި ގާއިމްކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ނެގެހެއްޓުމަށް ޓަަކައި ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަަމަށް ކައުންސިލުން އަބަދުވެސް ގަބޫލުކުރޭ، އެކަންތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ކައުސިލުން އޮތީ ތައްޔާރަށް،"

އެމްއެމްސީގެ ނާއިބު ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ، އެމްއެމްސީގެ ސްޓޭންޑަކީ މިބިލަށް އިތުރު އިސްލާހެއް އަދި ޝަކުވާއެއް ހުށަ ނާޅައި، ބިލް އަނބުރާ ގެންދިއުން ކަމަށެވެ.

މީޑިއާ ރެގިއުލޭޓް ކުރާނެ ގާނޫނެއް މުހިއްމު ނަމަވެސް އެކަން ކުރަން ބޭނުންވަނީ ސްޓޭކް ހޯލްޑާސްއާއި ގުޅުންހުރި ފަރާތްތަކުގެ ޝާމިލުވުމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މިފަދަ މަސައްކަތްތައް ޑިމޮލްރެޓިކް ހަަމަތަކުން ކުރިއަށް ގެންދާނަމަ ހޯލް އޮފް ގަވާމަންޓް، ހޯލް އޮފް ސޮސައިޓީ އެޕްރޯޗަަށް ދިއުމަކީ އެމްއެމްސީގެ އެދުމެއް،"