ދިވެހި ގައުމު އަބަދުވެސް ކުރިއަށްދާނީ އިސްލާމްދީނުން ލިބިދޭ ރޫހާނީ އަދި މާނަވީ ރައްކާތެރިކަމާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ އިހުތިފާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިން އިސްލާމްވުމަކީ މާތްﷲގެ އިލާހީ ރައްކާތެރިކަމާއި ރިއާޔަތްތެރިކަމުގެ ތެރެއަށް ވަނުމަށް އެކަލާނގެ ރަހުމަތް މިންވަރުކުރެއްވި މުނާސަބާކަމަށްވާތީ އެއަށްވުރެ މުހިއްމު މުނާސަބަތެއް ދިވެހި ގައުމުގެ ތާރީހުގައި ނާންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިސްލާމްދީނަކީ ދުނިޔޭގައި އަދި އާހިރަތުގައިވެސް ހެޔޮކަން ލިބޭ ހަމައެކަނި މަގު ކަމަށެވެ.

ރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިން ތިބީ ޝިރުކުގެ ބޯ ޖަންގަލީގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ތަނުން ނުކުމެވި، ހައްގާއި ހިދާޔަތުގެ ތަނަވަސް މައިދާނަށް ނެރެދީ އިންސާނީވަންތަކަމުގެ ހުރުމަތް ދިވެހިންނަށް ލިބުނީ އިސްލާމްދީނުގެ ސަބަބުން ކަމަށެވެ.

އިސްލާމްދީނުގެ މައިގަނޑު މަގުސަދަކީ ފަސް ކަމެއް ރައްކާތެރިކޮށްދިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއްވެސް ތަނަކަށް އިސްލާމްދީން އަތުވެއްޖެނަމަ އެ ފަސް ކަންތައް އެތަނެއްގައި ރައްކާތެރިކުރެވި ހިމާޔަތްކުރެވިގެންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ ދީންކަން ފާހަގަކުރައްވައި، މާތްﷲގެ ހަޒުރަތުގައި ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިގޮތުން އިސްލާމްދީން ވާސިލުވުމަށްފަހު އެތަނެއްގައި ތައުހީދު ގާއިމުކޮށްދޭ، ޝިރުކު ނައްތައިލައި، އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދޭ. ދީނުން ބޭރުވުމާއި އެކިއެކި ބިދުއަތައް އުފެއްދުމާއި ހައްދުފަހަނައެޅުމުން އިންސާނާ ރައްކާތެރިކޮށްދޭ. އިސްލާމްދީން އައިއިރު އަޅުގަނޑުމެން ތިބީ ކޮން ހާލެއްގައިތޯ؟ އަޅުގަނޑުމެން ތިބީ މޫދުން ނަގާ ހިިރިގާތަކެއް ކޮށައި، އަޅުގަނޑުމެން ބޭނުން ބައްޓަމެއް ޖައްސައި އެއަށް އަޅުކަންކުރުމުގައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިސްލާމްދީން އައިސް އެ އަނިޔާވެރި ނިޒާމު ނެތިކޮށްލައި، ކާއިނާތުގެ ވެރި ފަރާތުގެ ވާތްގަށް އެދެން ދަސްކޮށްދީފައިވާ ކަމަށެވެ. އަދި ހައްގުވަންތަ އިލާހާ ސީދާ ރޫހާނީ ގުޅުން އުފައްދައިދީ، ހަޔާތުގެ އުފަލާއި ހިތާމާގައި ކެތްތެރިކަން ދަސްކޮށްދިން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްލާމްދީން މުޖުތަމައަށް ގެނެސްދިން ދެވަނަ ރައްކާތެރިކަމަކީ ފުރާނައިގެ ރައްކާތެރިކަން ކަމަށާއި ހައްގަކާ ނުލައި ފުރާނައެއް ނަގައިލުން މާތްﷲ ހަރާމްކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިސްލާމްވުމުގެ ކުރިން ރާއްޖޭގައި ދީނުގެ ނަމުގައި އިންސާނުން ގުރުބާންކުރިކަން ތާރީހުން ފެންނަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ދިރިހުރުމުގެ ހައްގު ކަށަވަރުކޮށްދިނީ އިސްލާމްދީން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި ދިވެހިންގެ ފުރާނައަށް ކަމޭހިތަން ދިވެހިންނަށް ދަސްވި ދަސްވުމެއް ނޫން ކަމަށާއި އެއީ ކޮންމެ އިންސާނެއްގެ ފުރާނައިގެ އަގު ދިވެހިންނަށް އެނގިގެންދިޔަ ކަންކަން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިސްލާމްދީން އިންސާނީ މުޖުތަމައަކަށް ދޭ ތިންވަނަ ރައްކާތެރިކަމަކީ ބުއްދީގެ ރައްކާތެރިކަން ކަމަށެވެ. އަދި ހަތަރުވަނަ ރައްކާތެރިކަމަކީ އަބުރުގެ ރައްކާތެރިކަން ކަމަށާއި ފަސް ވަނަ ރައްކާތެރިކަމަކީ އޭނާގެ މުދަލުގެ ރައްކާތެރިކަން ކަމަށެވެ.