ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ 2025 ގެ މެޑަލް އަދި ރޭސް ކިޓް ދައްކާލައިފިއެވެ.
މިއަހަރުގެ ދިރާގުގެ ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރުމަހުގެ 24 ވަނަ ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން މިއަދު ބުނީ ޑީއެމްއާރްއާރްގެ ރަސްމީ ރޭސް ކިޓުގެ ތެރޭގައި ރޭސް ނިންމާ ވަގުތު ދެނެގަނެވޭނެ ޗިޕް އެކުލެވޭ ބިބް، ދުވުންތެރީންނަށް ހާއްސަ ޓީޝާޓް އަދި ދުވުމުގައި ކޮންމެހެން ބޭނުންވާ ތަކެތި ގެންދިއުމަށް ދަބަހެއް ހިމެނޭ ކަމަށެވެ. އަދި ރޭސް ނިންމާ ކޮންމެ ދުވުންތެރިޔަކަށް ހާއްސަ މެޑަލެއް ލިބޭނެކަމަށް ވެސް ދިރާގުން ބުންޏެވެ.
ޑީއެމްއާރްއާރަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓުކަމަށް ދިރާގުން ބުންޏެވެ. އެ ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރީންވެސް ބައިވެރިވާކަމަށް ދިރާގުން ބުންޏެވެ. އަދި ވޯލްޑް އެތްލިޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ޑީއެމްއާރްއާރް ލިސްޓުކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.
އެ ލިސްޓުގައި ހިމެނޭ ހަމައެކަނި ރާއްޖޭގެ ދުވުމަކީ ޑީއެމްއާރްއާރްކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ރޯޑް ރޭހަކީ އެއްބައިވަންތަކަމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ރޫހެއް އުފެއްދުމުގެ އިތުރުން މުހިންމު އިޖުތިމާއި ކަންކަމަށް ހޭލުންތެރިކަން ގެނެސްދޭ އިވެންޓެއްކަމަށް ދިރާގުން ބުންޏެވެ.
މިއަހަރުގެ ދުވުމުގައި ކުޑަކުދީންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރި ކުރުވުމަށާއި ފަންޑްރައިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ.
ޑީއެމްއާރްއާރް 2025 އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު 4،000 ބައިވެރިން ހަމަވުމުން ރަޖިސްޓްރީވުން ބަންދުކުރާނެކަމަށް ދިރާގުން ބުންޏެވެ. އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ބުންޏެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު