ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ޔުނިވާސަލް އެންޓަޕްރައިސެސްގެ އެއް ހިއްސާދާރު ކޮލިގޭ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ ރާއްޖޭގެ ކުރިމަގާ މެދު ފުންކޮށް ވިސްނެވި ހަރުދަނާ ލީޑަރެއް ކަމަށް ވެރިކަން ހިންގާ ޕީއެންސީން ބުނެފިއެވެ.

އެމްޔޫ މަނިކުގެ ހާލުކޮޅު ދެރަވެ، ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 6:30ގައި، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ވަނީ އަވަހާރަވެފައެވެ.

ޕީއެންސީން މިއަދު ފޮނުވި ތައުޒިޔާގެ މެސެޖުގައި ބުނީ އެމްޔޫ މަނިކަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ސަފުން ރާއްޖެ ސަލާމަތްވެ، ރާއްޖެއަށް ފާއިތުވި ބައި ގަރުނެއްހާ ދުވަހުގެ ތެރޭ ލިބުނު ކުރިއެރުމާއެކު ދުނިޔޭގެ ފަގީރު ގައުމުތަކުގެ ސަފުން ނެއްޓި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ސަފުގައި ބައިވެރިވުމަށް މަގުކޮށްޓަވައިދެއްވި މޭސްތިރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހިދުމަތްތެރިއެއް ކަމަށެވެ.

ފަތުރުވެރިކަން ތައާރަފުކޮށްދެއްވުމުގެ އިތުރަށް ވެސް ރާއްޖޭގެ އިގުތިސާދު ފުޅާކުރުމުގައި މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި، އުމްރާނީ ތަރައްގީ ގެނައުމުގައި އެމްޔޫ މަނިކުގެ ދައުރު ބޮޑު ކަމަށާއި ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި ހިދުމަތްތައް ފާހަގަކުރަން ޖެހޭ ކަމަށް ޕީއެންސީން ބުންޏެވެ.

"އެމަނިކުފާނު އަވަހާރަވުމުން ގައުމަށް ގެއްލިގެންދިޔައީ ހިދުމަތުގެ އަގުހުރި ހަޒާނާއެކެވެ. ރާއްޖޭގެ ކުރިމަގާ މެދު ފުންކޮށް ވިސްނެވި ވަރުގަދަ ހަރުދަނާ ލީޑަރެކެވެ. ގައުމަށް ލިބުނީ ފޫނުބެއްދޭނެ ގެއްލުމެކެވެ. އެމަނިކުފާނުގެ ހިދުމަތުގެ ޒިކުރާ ތާއަބަދަށް ދިވެހިން އާކުރާނެއެވެ..،" ޕީއެންސީގެ މެސެޖުގައި ބުންޏެވެ.

ޕީއެންސީން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި، މިއަދު މި ދެކޭ ދިވެހިރާއްޖެ ބިނާކުރެއްވުމުގައި ފަރުދީ ހައިސިއްޔަތުންނާއި ރަސްމީ ހައިސިއްޔަތުން އެމްޔޫ މަނިކު ކުރެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް ޒިކުރާ އާކުރަނީ ޝަރަފުވެރިކަމާއެކު ކަމަށެވެ.

އެމްޔޫ މަނިކު ވަނީ ވިއްސަކަށް އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ.

އެމްޔޫ މަނިކަކީ، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މައި އެއް ތަނބެވެ. ފަން ގެއެއްގައި ޓޫރިޒަމް ފައްޓަވައި، ރާއްޖެ މިހާރު މި ދެކޭ ދުނިޔޭގެ އެއް ނަންބަރު މާކެޓުގެ ގޮތުގައި ޓޫރިޒަމް ތަރައްގީ ކުރެއްވުމުގައި އެމްޔޫ މަނިކު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

އެމްޔޫ މަނިކުގެ ޖަނާޒާ، މިއަދު އަސްރު ނަމާދަށްފަހު ސިންގަޕޫރުގެ ޕްސާރާ އަމަން މިސްކިތުގައި ވަނީ ބާއްވައިފައެވެ. އަދި އަސްރު ނަމާފަށްފަހު އިސްލާމީ މަރުކަޒުގައި ވަނީ ޣައިބަށް ކަށުނަމާދުކޮށްފައެވެ.