ދޭހައިގެ އަމަލީ މަސައްކަތްތައް ހިމަނައިގެން ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް "އަޅުގަނޑުގެ ދޭހަފޮތް 2" މި ނަމުގައި ދޭހަފޮތެއް ނެރެފިއެވެ.

މިކަމަށްޓަކައި ގައުމީ ކުތުބުހާނާގައި މިއަދު ބޭއްވި ހަފުލާގައި މި ފޮތް ނެރެދެއްވީ ދިވެހިބަހުގެ އެކަޑަމީގެ ބަސްކޮމެޓީގެ ރައީސް އަދި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ ޕްލޭނިން އެޑްވައިޒަރު ހަމްދޫން ހަމީދެވެ.

ދިވެހިބަހަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ހަސަން ޒަހީނު ލިޔުއްވި މި ފޮތަކީ އެސްއެސްސީ އިމްތިހާނުގައި ދަރިވަރުން އިމްތިހާނުކުރެވޭ އެއްބައިކަމުގައިވާ ދޭހައިގެ ބަޔަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

ދިވެހި މާއްދާ ކިޔަވާ ގިނަ ކުދިންނަށް އެންމެ އުނދަގޫ އެއްބަޔަކީ ދޭހައިގެ ބައެވެ. ހަސަން ޒަހީނު ލިޔުއްވާފައިވާ މި ފޮތުގައި ދިނާއި، ގައުމިއްޔަތާއި، ބަހާއި ސަގާފަތަށް ހިތްވަރުދޭ ލިޔުއްވުންތައް ހިމަނާފައިވެއެވެ. ޖުމުލަ 20 ދޭހަ ހިމަނައިގެން ހަދާފައިވާ މި ފޮތުގައި ހިމަނާފައިވާ ދޭހަތަކުގެ މަސައްކަތް ކުރުމަށް ފޮތުގައި ޖާގަ ދީފައިވެއެވެ. އަދި ދޭހަތައް ހެދުމަށްފަހު ދަރިވަރުންނަށް ރަނގަޅު ޖަވާބުތައް ބަލައިލެވެއެވެ. މި ފޮތުގެ އެންމެ ފަހުބައިގައި ހިމަނާފައިވަނީ މި ފޮތުގައި ހިމަނާފައިވާ ދޭހައިގެ ސުވާލުތަކުގެ ރަނގަޅު ޖަވާބުތަކެވެ.

"އަޅުގަނޑުގެ ދޭހަ ފޮތް 2" އެކި ބުކްޝޮޕްތަކުގައި މިހާރު ލިބެން ހުންނާނެއެވެ. މި ފޮތުގެ އަގަކީ 150 ރުފިޔާއެވެ.

"އަޅުގަނޑުގެ ދޭހަފޮތް 1" ގެ ނަމުގައި 2013 ވަނަ އަހަރު ޒަހީނު ވަނީ ހަމަ މިފަދަ ފޮތެއް ނެރުއްވައިފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް އަމާޒުކޮށް ތަފާތު ފޮތްތައް އޭނާ ލިޔުއްވާފައިވެއެވެ.

ކުޑަކުދިންނަށް ހާއްސަ ފޮތް ސަރުކާރު ގަބޫލުކުރާ ފެންވަރަށް ދިވެހިބަހުން ލިޔުއްވާފައިވާތީ، ސަރުކާރުންދޭ ހާއްސަ އިނާމު 2004 ވަނަ އަހަރާއި 2007 ވަނަ އަހަރު ޒަހީނަށް ލިބިލައްވާފައިވެއެވެ. ޒަހީނަކީ މިހާރުވެސް ދިވެހިބަސް ކިޔަވައިދެއްވަމުންގެންދަވާ އަދި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ބޭފުޅެކެވެ.