ދިވެހި ގައުމިއްޔަތު އޭގެ ހައްގު މަގާމަށް އިއާދަކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، އެ ގައުމިއްޔަތުގެ އެންމެ އިސް ބަހާއަކީ އަދި ބިންގަލަކީ އިސްލާމްދީން ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ހިޖުރައިން 553 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ތެރޭގައި ދިވެހިން އިސްލާމްދީން ގަބޫލުކުރުމަކީ މިހާތަނަށް ދިވެހިން ނިންމި އެންމެ ބޮޑު ނިންމުމެވެ.

އެ ނިންމުމާ ގުޅިގެން ދިވެހިންގެ ތެރޭގައި ކުރިން ނެތް އެތައް ކަމެއް ތައާރަފުވެ، ކުރީގެ އެތައް ކަމެއް ހުއްޓިގެން ދިޔަކަން ތާރީހުން އެނގެން އޮތް ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ދިވެހިންގެ ވިސްނުމާއި އިޖުތިމާއީ މިންގަނޑުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، އަދަބު އިހުތިރާމާއި، މެހުމާންދާރީއާއި، އިންސާފު ގާއިމުކުރުމުގެ އިތުރުން އާއިލީ ދިރިއުޅުން ފަދަ ކަންކަން އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ބަދަލުވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ކުރެވިފައިވާ އާކިއޮލޮޖިކަލް ދިރާސާތަކާއި ތާރީހީ ހޯދުންތަކަށް އަލިއަޅުއްވާލައްވައި ހީނާ ވިދާޅުވީ، ރާއްޖެއަކީ އެތައް ހާސް އަހަރެއްވީ ގަދީމީ ދައުލަތެއްކަން އެނގެން އޮތް ކަމަށެވެ. އެ ދިރާސާތަކުގެ އަލީގައި، އިހު ޒަމާނުގައި ދިވެހި މުޖުތަމައުގެ އާންމު ދިރިއުޅުން ބައްޓަންވެފައި އޮތް އަސާސްތައް ހާމަވެފައިވާ ކަމަށާއި، ރާއްޖެ އިސްލާމްވުމަށްފަހު ބިނާކޮށްފައިވާ އިސްލާމީ ހަޟާރަތުގެ އެންމެ ސާފު އެއް ހެއްކަކީ ރާއްޖޭގެ ރީތި ހިރިގަލު މިސްކިތްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ އާސާރުތަކުން ދިވެހި ކާބަފައިންނަކީ ހުރިހާ ގޮތަކުން ވެސް ގާބިލު، ފުރިހަމަ އަމާޒަކަށް ދަތުރުކުރި ސިކުނޑިތަކެއްގެ ވެރި ބައެއްކަން ޔަގީންކޮށްދޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހި ޝަހުސިއްޔަތު ނެގެހެއްޓުމަށްޓަކައި ތާރީހީ އިތުރު ސާފު ދިރާސާތައް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެފަދަ ދިރާސާތައް ކުރުމުގެ ގާބިލުކަން ހުރި ދިވެހިން އުފެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހީނާ ވިދާޅުވިއެވެ. މީހުން ބިނާކުރުމުގެ ޕްރޮގްރާމުތައް ހިންގަމުންދާ ކަމަށާއި، ގައުމު ފަހުރުވެރިވާ ފަދަ ސިފަތައް ރަމްޒުކޮށްދޭ ގައުމިއްޔަތެއް ކޮންމެ ދިވެއްސެއްގެ ހިތުގައި އަށަގެންނެވުމުގެ ބޭނުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ ސިޔާސަތެއް ކަނޑައަޅުއްވައި މަޝްރޫއުތަކެއް ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ މުހިންމު ސަބަބަކީ އިސްލާމްދީންކަން ފާހަގަކުރައްވައި، ގައުމުގެ އަބްތާލުން ޖިހާދުކުރެއްވީ އެ ދީނުގެ ތެދުމަގުގައި ރާއްޖެ ދެމެހެއްޓުމަށް ކަމަށް ހީނާ ވިދާޅުވިއެވެ. މިއަދު ހުޅުވިފައިވާ ދުނިޔޭގައި ހުރި ނުރައްކާތަކާއި ފުރުސަތުތައް ދެނެގަނެ، ރާއްޖެއަކީ އަބަދުވެސް އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ދެމިއޮންނަ ގައުމަކަށް ހެދުމަކީ އެންމެންގެ އަމާޒަކަށް ހެދުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ.