ކުރީގެ ޖަސްޓިސް މިނިސްޓްރީން، ހުޅުމާލެ ކޯޓުގެ އޭރުގެ ރަޖިސްޓްރާ ހަސަން އަލީ ދިރިއުޅެން ހުޅުމާލޭން ދިން ފްލެޓް އެއް މަސްދުވަހުގެ ތެރޭގައި ހުސްކޮށް ހަވާލުކުރަން ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޒަނުން 2022 ވަނަ އަހަރު ކުރި ހުކުމް ތަންފޯީޒު ކުރުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެއެއްނުދިނެވެ.

މި މައްސަލައަކީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އޭރުގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ދެމެދު، 13 ފެބްރުއަރީ 2005 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓް (ފްލެޓް) އަކާބެހޭ މައްސަލައެކެވެ.

ހުޅުމާލެ ތަރައްގީކުރުމާބެހޭ ޔުނިޓުން ޖަސްޓިސް މިނިސްޓްރީއަށް ކުއްޔަށް ދޫކޮށްފައިވާ މި ފްލެޓް، ހުޅުމާލެ ކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ ދިރިއުޅުމަށް ހަވާލުކުރުމާ ގުޅޭގޮތުން ޖަސްޓިސް މިނިސްޓްރީ އާއި ހަސަން އަލީއާ ދެމެދު 20 އެޕްރީލް 2005 ގައި އެއްބަސްވުމެއްވިއެވެ.

ނަމަވެސް އެ ފްލެޓް ކުއްޔަށް ހިފާފައިވާ މަގުސަދު ހާސިލު ނުވާތީ އެތަން ދޫކޮށްލުމަށް، ޖަސްޓިސް މިނިސްޓްރީއަށްފަހު، 2008 ވަނަ އަހަރު ގާނޫނުއަސާސީ އިސްލާހު ކުރުމާ ގުޅިގެން، ޖުޑިޝަރީގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމިއެވެ.

އެ ނިންމުމާ ގުޅިގެން ޖުޑީޝަރީގެ އިދާރީ ކަންކަން ބަލާ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެތަން ހުސްކޮށް ހަވާލުކުރުމަށް ހަސަން އަލީއަށް އެންގިއެވެ.

ނަމަވެސް އެތަން ހުސްކުރުމަށް ހަސަން އަލީ އިންކާރުކުރުމާ ގުޅިގެން އޭރުގެ ޖަސްޓިސް މިނިސްޓްރީ އާއި ހަސަން އަލީއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށްދިނުމަށާއި، އެތަން ހުސްކޮށް، ޑީޖޭއޭއާ ހަވާލު ކުރުމަށް ހަސަން އަލީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޖޭއެސްސީގެ ފަރާތުން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޒަނުގައި ދައުވާކުރިއެވެ.

އެ ޑިވިޒަނުން މައްސަލަ ބެލުމަށްފަހު، ޖަސްޓިސް އާއި ހަސަން އަލީއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، ހަސަން އަލީއާ ހަވާލުކޮށްފައިވާ އެޕާޓްމަންޓް، މިދިޔަ ފެބްރުއަރީ މަހުގެ 27 އިން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ހުސްކޮށް އެތަން ހަވާލު ކުރުމަށް ހަސަން އަލީއަށް އަންގައި ހުކުމްކުރިއެވެ.

މި ހުކުމް ހަސަން އަލީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ސިވިލް ކޯޓު ހުޅުމާލެ ޑިވިޒަނުން ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށްވެސް ހައިކޯޓުގައި އެދުނެވެ.

އެ އަމުރު ނެރެންޖެހޭ ސަބަބެއްކަމަށް ހަސަން އަލީގެ ފަރާތުން ބުނެފައި ވަނީ، ހުުކުމްގެ އިސްތިއުނާފް ހައިކޯޓުން ބަލައިގަނެފައިވުމާއި، އެ ހުކުމް ބާތިލު ކުރެވޭވަރުގެ ފާޅުކަން ބޮޑު ގޯސްތަކެއް ދަށު ކޯޓުން ހަދާފައިވުމެވެ. އަދި ބޭނުމަކީ ހައިކޯޓުގައި މި މައްސަލަ އޭނާއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމުން، ހައިކޯޓުން މައްސަލަ ބަލަމުންދާއިރު މިހާރު އޮތް ހާލަތަށް ބަދަލު އަންނާނެފަދަ ކަންކަން ކުރުން ހުއްޓުވުމާއި، މިހާރު އޮތް ހާލަތު އެ ގޮތުގައި ބޭއްވުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް މުހިއްމު ކަމަކަށްވާތީ ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު، ހައިކޯޓުން ބުނެފައި ވަނީ ކޯޓުއަމުރަށް އެދި ހަސަން އަލީ ހުށަހެޅި ފޯމަށް ބަލާއިރު، ދަށު ކޯޓުގެ ހުކުމް ބާތިލުކުރެވޭވަރުގެ ފާޅުކަންބޮޑު ގޯސްތަކެއް ހަދާފައިވުމާއި، އަދި ހައިކޯޓުން މި މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑަށް އޮތްކަމަށް ބަޔާންކުރުން ފިޔަވައި، އެ ބުނުމަށް ބަރޯސާވަނީ ކޮންކަމެއްގެ މައްޗަށްކަން ހަސަން އަލީ ބަޔާންކޮށްދީފައި ނުވެއެވެ.

އެހެންކަމުން ހަސަން އަލީގެ ފަރާތުން އެދިފައިވާ ފަދައިން، ފްލެޓް ހުސްކޮށް ހަވާލު ކުރުމަށް ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޒަނުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވޭނެ ތަނެއްނެތް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.