އިންޖިނޭރުން ގައުމަށް ކޮށްދެއްވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑު، ސަރުކާރުން ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސް ހަމަޖެއްސެވީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވަނީ ހިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދީފަިއވާ އަދި މިހާރުވެސް މަސައްކަތްކުރަމުން ގެންދާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރުހަބާއާއި ޝުކުރު ދަންނަވައިފައެވެ.
ސިނަމާލެ ބުރިޖު ހުޅުވިތާ މިއަދަށް ހަތް އަހަރު ފުރޭ އިރު، އެ ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިގުތިސާދަށް، އަދި އިޖުތިމާއީ ހުރިހާ ހިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ 2040 ވަނަ އަހަރަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ އަމާޒަށް ވާސިލުވުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ އިލްމާއި، ތަޖުރިބާއާއި، އެހީތެރިކަމަށް މި ގައުމު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށެވެ.
އިންޖިނޭރުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ގައުމީ އެވޯޑުގެ އިތުރުން، އިންޖިނޭރުންގެ އިލްމީ ދިރާސާތަކަށް ފުރުސަތު ފަހިކޮށްދެއްވައި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސްގެ ހިޔާބުގައި ވަނީ ދެއްވައިފައެވެ.
ރައީސް ވިދާޅުވީ ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ފާޑުވެރި ބައެއް ކަމަށާއި، އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ރާއްޖޭގެ ތަރައްގީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރާ ގައުމީ ވާޖިބަށް ސާބަހާއި ތާރީފު ހައްގު ކަމަށެވެ. އަދި ރާއްޖެއަށް ތަހުޒީބާއި ވިޔަވަތިކަމުގެ ރަން ޒަމާނަކަށް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު