ކޮންމެ މީހަކުވެސް ގައުމަށް ހިދުމަތްކުރަން އަޒުމު ކަނޑައަޅާއިރު ކޮރަޕްޝަނާ ދެކޮޅު، އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅެގެން ނޫނީ ރައްޔިތުންނާއި އެހެން މީހުންގެ އިތުބާރު ނުހޯދޭނެ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް މިއަދު ށ. ބިލެތްފަހީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގައި ވެސް މިހާރު އެންމެ ގަދައަށް ދައްކާ ވާހަކަ އަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށެވެ.
އަދި ކޮރަޕްޝަނުގެ މައްސަލައަކީ ގިނަ ފަހަރަށް ގައުމުގެ މިނިވަންކަމާއި ސިޔާދަތަށްވެސް ލޮޅުންއަރާ މައްސަލައެއް ކަމަށެވެ.
"އަޅުގަނޑުމެން ގައުމީ ދުވަސް ފާހަގަކުރަމުންދާ އިރު، އެބަ އަޒުމު ކަނޑައަޅަންޖެހޭ، އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އޭގެ ޒާތުގައި މި ގައުމަށް އިހުލާސްތެރިކަމާ އެކީގައި މަސައްކަތްކުރުމުގައި އެއްވެސް ވަރަކަށް ކޮރަޕްޝަންގެ އަމަލަކާ ކައިރިނުވެ، އަޅުގަނޑުމެންގެ ހިދުމަތުގައި ސާބިތުކަމާ އެކީގައި ތިބުމުގެ އަޒުމު ކަނޑައެޅުމުގެ މައްޗަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ނަޒާހާތްތެރި ބައެއްގެ ގޮތުގައި، އަޅުގަނޑުމެންނަކީ ކޮރަޕްޝަނާއި ދުރުހެލިވެފައިވާ ބައެއްގެ ގޮތުގައި ތިބެގެން މަސައްކަތްކުރުމުގެ މައްޗަށް އަޅުގަނޑުމެން އަޒުމް ކަނޑައަޅައި، އެ މަގުގައި ސާބިތުވެ ތިބުން އެއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން މިއަދު ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް،"
މިނިސްޓަރު ވިދާޅުވީ ޓީވީ ހުޅުވައިލިޔަސް، ނޫހެއް ބަލައިލިކަމުގައިވިޔަސް ވެސް ގިނައިން ފެންނަމުންދަނީ މި ބާވަތުގެ ތަފާތު ތުހުމަތުތައް އެކި ފަރާތްތަކުގެ މައްޗަށް ކުރެވޭ މައްސަލަތައް ކަމަށެވެ.
"އެ ބާވަތުގެ ކަންތައްތަކުން ދުރުހެލިވެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު ބައްޓަންނުކުރާ ކަމަށްވާނަމަ، އަޅުގަނޑުމެންނަކަށެއް އަޅުގަނޑުމެންނާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރެއް، އަޅުގަނޑުމެންނާ ދޭތެރޭގައި އެހެން މީހުންގެ އިތުބާރެއް ނުއުފެއްދޭނެ،"
އެ ސަބަބާހުރެ ކޮންމެ މީހަކީ ވެސް ކޮރަޕްޝަންގެ ސަބަބުން ދިމާވާ އެކި ގޮންޖެހުތަކުން ސަލާމަތްވެ، ސާބިތުކަމާ އެކީގައި މަސައްކަތްކުރާ ބައެއް ކަމުގައިވުމަށް މިފަދަ ދުވަހެއްގައި އަޒުމް ކަނޑައަޅަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އާއިޝަތު މާހާ
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް