މީޑިއާ ކޮމިޝަން ބިލާ ދެކޮޅަށް ނޫސްވެރިންކުރާ މުޒާހަރާތަކުުގައި ރައީސްގެ ހަށިކޮޅުގައި އަތްލާ ހިސާބަށް ގެންދިއުމުންވެސް ސަރުކާރުން ހިޔާރުކުރީ ކެތްތެރިކަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މެންބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ މިނިވަން ނޫސްވެރިކަން ނައްތާލެވޭ ގޮތަށް އޮތް ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ މުޒާހަރާކޮށް އަޑުއުފުލަމުންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ ކުރީ ސަރުކާރުތަކާ ހިލާފަށް ޑިމޮކްރެޓިކް ހަމަތަކަށް ވަރަށް މުހިންމު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވީ، ރައްޔިތުންގެ ބޮޑު ތާއީދަކާއެކުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، މި ސަރުކާރާ ކުރިމަތިލާން ޖެހުނީ ދިވެހި ތާރީހު ދުށް އެންމެ ބޮޑު މާލީ ކާރިސާއާ ކަމަށެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ހެދި ގޯސްތައް ކަން ފާހަގަކުރެއްވިއެވެ.

"މީޑިއާ ފްރީޑަމް އަށް މިހާރު ޑިމާންޑްތައް މައިގަނޑު ގޮތެއްގައި ހިންގަނީ ސިޔާސީ އެޖެންޑާތަކުގެ ތެރެއިން. އެ ކަންކަމަކީ ނާކާމިޔާބީއަށް އެހީތެރިވެދިން ބަޔަކު އިސްނަގައިގެން ކުރާ ޑިމާންޑްތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދުގެ ޕޯސްޓާއެކުގައި ވަނީ ރައީސް މުއިއްޒު ރައީސް އޮފީހުން މުލިޔާގެއަށް ވަޑައިގަންނަވަނިކޮށް އެ މަނިކުފާނާ ނޫސްވެރިން ބައްދަލުކުރި ވީޑިއޯއެއް ހިއްސާކުރައްވައި، އެ ވީޑިއޯއިން ފެންނަނީ "މުޑުދާރު" ކަން ކަމުގައި ސިފަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރީންނަށް، ދުނިޔޭގެ އެއްވެސް ގައުމަކު ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާކަން ހާމަވަމުން އަންނަ ކަމަށާއި ހެނދުނުއްސުރެ ގްރީންޒޯންގައި ނޫސްވެރީން މުޒާހަރާކޮށް ބޭނުން ވަރަކަށް އަޑު އުފުލަމުންދާ ކަމަށެވެ.

ނޫސްވެރީންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދާއި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ނޫސްވެރީންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވައި ވާހަކަތައް އަޑުއެއްސެވި ކަމަށާއި ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރީންގެ އަޑު އެއްސެވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާ ސީދާ ރައީސް ބައްދަލުކުރައްވައި ހުރިހާ ވާހަކައެއް އަޑުއެއްސެވިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ރައްޔިތުން މަޖިލީހަށް ހުށަހެޅިފައި އޮތް ބިލަށް ނޫސްވެރީން ބޭނުން ވަރަކަށް ހިޔާލުތަކާ އިސްލާހުތައް ހުށަހަޅަން ދިހަ ދުވަހުގެ ފުރުސަތު ހުޅުވައިލި. އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފަަައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގައި، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުންވެސް ސަރުކާރުން ހިޔާރުކުރީ ކެތްތެރިކަން" މިނިސްތަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ނޫސްވެރީންގެ ސުވާލުތަކަށް ލައިވް ޕްރެސްއެއް ބާއްވަވާ ބަންޑާރަ ނައިބު އަހުމަދު އުޝާމް ޖަވާބުދެއްވި ކަމަށާއި އެ ޕްރެސްގައި އިހުތިޖާޖުކޮށް ބޭނުން އަޑެއް އުފުލަންވެސް ނޫސްވެރީންނަށް ފުރުސަތު ދެއްވި ކަމަށެވެ.