ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، ދައުރުން ބޭރުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު"ގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިންމަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އަމިއްލަ ހައިސިއްޔަތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މި ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވި އެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަނަވާ 11 މެންބަރުންނާއި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވަނީ ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވައިފަ އެވެ.
ބިލް މަޖިލީހަށް ބަލައިގަތުމަށްފަހު އިތުރަށް ދިރާސާކުރަން ފޮނުވީ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށެވެ.
ބިލް ދިރާސާކުރުމުގެ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އަންނަ ސެޕްޓެމްބަރުމަހުގެ 15 އަށް ކޮމިޓީން ބިލުގެ މަސައްކަތް ނިންމުމަށާއި، މިއަދުން ފެށިގެން ސެޕްޓެމްބަރުމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ބިލު އާއްމުންގެ ހިޔާލަށް ހުޅުވާލުމަށް ހުށަހެޅުއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. އެ ބިލަކީ މިވަގުތު ކުރިއަށްގެންދިއުން މުހިއްމު ބިލެއް ކަމަށް ވިދާޅުވެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފްއެވެ.
އެގޮތަށް ކޮމިޓީން ފާސްކުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށާއި، ކޮމިޓީއަށް، ބިލާބެހޭގޮތުން އާއްމުންގެ ހިޔާލު ފޮނުވަން ވަނީ ހުޅުވާލައިފައެވެ.
އިއްޔެ ބިލު މަޖިލީހަށް ބަަލައިގަތީ އެ ބިލު އަނބުރާ ގެންދިއުމަށް ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑީއާ ކައުންސިލް އަދި ބޭރުގެ ޖަމިއްޔާތަކުންވެސް ބަޔާން ނެރެފައިވަނިކޮށެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިންވެސް އަންނަނީ ކެމްޕޭންތައް ކުރިއަށް ގެންދަމުންނެވެ. މަޖިލިސް އިދާރާދޮށުގައި ނޫސްވެރިން އިއްޔެވެސް ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖުކޮށްފައިވެއެވެ.
އެ ބިލު އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް އިއްޔެ ގޮވައިލެއްވިއިރު ޕީއެންސީގެ ބައެއް މެންބަރުން ވަނީ އެ ބިލުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހިމެނޭކަން ފާހަގަކުރައްވައިފައެވެ.
މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.
މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
މި ބިލުގައި ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކޮށް ހިޔާލު ހޯދުމަށް، ރަޖިސްޓްރީ ކޮށްފައިވާ ނޫސްތަކާއި ކަމާބެހޭ މުއައްސަސާތަކާ، އަންނަ ހަފުތާގައި ބައްދަލުކުރަންވެސް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ނިންމައިފައެވެ.
އިބްރާހިމް ޒަކީ
އައްޑޫ ސިޓީ
ބޭރު ކުޅިވަރު
މިއުޒިކް އިންޑަސްޓްރީ
ބޮލީވުޑް