މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު"އަށް ހިޔާލު ހޯދަން ނޫސްތަކާއި ކަމާބެހޭ މުއައްސަސާތަކާ، އަންނަ ހަފުތާގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބައްދަލުކުރަން ނިންމައިފިއެވެ.

މި ބިލު މަޖިލީހަށް ބަލައިގަަންނަން ފެންނަ ކަމަށް ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވި އެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަނަވާ 11 މެންބަރުންނާއި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވަނީ ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވައިފަ އެވެ.

ބިލް މަޖިލީހަށް ބަލައިގަތުމަށްފަހު އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ.

ބިލާބެހޭގޮތުން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ރެޖިސްޓްރީ ކޮށްފައިވާ ނޫސްތަކުގެ ތެރެއިން ބަޔަކާއި، ކަމާބެހޭ މުއައްސަސާތަކާ ކޮމިޓީން ބައްދަލުކޮށް ބިލާމެދު މަޝްވަރާކޮށް ބިލުގައިވާ ކަންބޮޑުވުންތައް ހައްލު ކުރަން ވަނީ ނިންމައިފައެވެ.

އެގޮތުން ބައެއް ނޫސްތަކާއި ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަނާވެސް ކޮމިޓީން ބައްދަލުކުރަން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ސޯޝަލް މީޑިއާ އާއި ނޫސްތަލުގައި ގިނަ ޒުވާނުންތަކެއް ހަަރކާތްތެރިވަމުންދާތީ ބިލާމެދު ޒުވާނުންގެ ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކުރުމަށް ޔޫތު މިނިސްޓްރީއާވެސް ކޮމިޓީން ބައްދަލުކުރަން ވަނީ ނިންމައިފައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ ވިދާޅުވީ، މި ބައްދަލުވުންތައް ކޮމިޓީން ކުރިއަށް ގެންދާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހާއި ހޯމަ ދުވަހާއި އަންގާރަ ދުވަހު ކަމަށެވެ.

ބިލުގައި ހުރި ކަންބޮޑުވުންތަކަށް ލިޔުމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ނޫސްތަކަށް ދެއްވާނެ ކަމަށްވެސް މުގައްރިރު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރުމަހުގެ 15 އަށް ބިލުގެ މަސައްކަތް ކޮމިޓީން ނިންމުމަށާއި، މިއަދުން ފެށިގެން ސެޕްޓެމްބަރުމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ބިލު އާއްމުންގެ ހިޔާލަށް ހުޅުވާލުމަށް ކޮމިޓީން ވަނީ މިއަދު ފާސްކޮށްފައެވެ.

މީޑިއާ ބިލަކީ އަމިއްލަ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލު އިއްޔެ މަޖިލީހަށް ބަަލައިގަތީ އެ ބިލު އަނބުރާ ގެންދިއުމަށް ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑީއާ ކައުންސިލް އަދި ބޭރުގެ ޖަމިއްޔާތަކުންވެސް ބަޔާން ނެރެފައިވަނިކޮށެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިންވެސް އަންނަނީ ކެމްޕޭންތައް ކުރިއަށް ގެންދަމުންނެވެ. މަޖިލިސް އިދާރާ ދޮށުގައި ނޫސްވެރިން އިއްޔެވެސް ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖުކޮށްފައިވެއެވެ.

މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.

އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.

މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:

  • ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
  • މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
  • ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
  • މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން