މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ނޭޕާލު މީހާކަން ކަށަވަރުވެފައިވާ ކަމަށާއި އޭނާ މަރާލިކަމަށް ތުހުމަތުކުރެވޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެމީހާ މަރުވެފައި އޮއްވައި މިދިޔަ ހޯމަ ދުވަހު ފެނުނީ ވޯޓާ ތީމް ޕާކެއް ހަދަން ދޫކުރި ސަރަހައްދުންނެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ މަރުވިތާ 3-4 ވަރަކަށް ދުވަސް ފަހުން ކަމުން، އޭނާއަކީ ކާކުކަން ދެނެނުގަނެވޭ ވަރަށް ހަށިގަނޑު ވަނީ ޑީކޮމްޕޯސްވެފައެވެ.
އެނގިފައިވާ ގޮތުގައި، އެ މީހާގެ ހަށިގަނޑު ފެނުނުއިރު ކަރުގައި ވާގަނޑެއް އޮތެވެ. ނަމަވެސް އެ މީހާ މަރުވީ އަމިއްލައަށް ކަމެއް ނުވަތަ އެއީ ބަޔަކު ކުރިކަމެއް ސާފެއް ނޫނެވެ.
މަރުވި މީހާގެ އާއިލާގެ މީހަކު "ވަން" އަށް މައުލޫމާތު ދިން ގޮތުގައި، އަދި އެހެން މަސްދަރަކުންވެސް "ވަން" އަށް މައުލޫމާތުދީފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ނޭޕާލަށް ނިސްބަތްވާ 29 އަހަރުގެ ރޫޕަން ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ވޯކް ޕާމިޓްގައިވާ ގޮތުން އޭނާއަކީ ރާއްޖޭގެ ކުންފުންޏެއްގައި އިލެކްޓްރިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.
ރޫޕަންއަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މީހެކެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުއެވެ.
އޭގެ ފަހުން ފުލުހުން ވެސް އެ ދުވަހު ބުނެފައިވަނީ މީހާގެ އައިޑެންޓިޓީ ކަށަވަރުކުރެވިފައި ނުވި ނަމަވެސް، އެއީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ނޭޕާލަށް ނިސްބަތްވާ ރޫޕަން ތަޕާ މަގަރް (29އ) ކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ރޫޕަން މަރުވުމުގައި ތުހުތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ޓޮކްސިކޮލޮޖީ ހެދިތޯ
ޙާލަތު - 10 މަސް ކުރިން