ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ކޯލް އޮފް ޑިއުޓީ މޯބައިލް މިނީ ސީރީޒް II އަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިރޭ 10:00 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލް ކޯލް އޮފް ޑިއުޓީގެ އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަބްނަ ހޮނިހިރު ދުވަހުއެވެ. އެ މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމޔލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައެޅިފައެވެ.

ދިރާގުން ބުނީ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގޭމް ކުޅުންތެރިންނަށް dgg.mv މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެ ކަމަށެވެ.

ދާދި ފަހުން ޑީޖީޖީއިން ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. އެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމު، ޑީޖީޖީ މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.