ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައި ބަލައިގަނެފައިވާ މީޑިއާ ބިލާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީ ނޫސްވެރިން މުޒާހަރާކުރަން ފަށައިފި އެވެ.
މިއަދު މެންދުރުފަހު 1 ޖަހާކަށްހާއިރު ފެށި އެ މުޒާހަރާގައި ބައިވެރިވި ނޫސްވެރިން އަންނަނީ އެ ބިލާ ދެކޮޅަށް ނޫސްވެރިންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.
ރައީސް އޮފީސް ދޮރުމަތީ އިށީނދެ ތިބެ ނޫސްވެރިން އަންނަނީ މުޒާހަރާކުރަމުންނެވެ. އެތަން ރޫޅާލުމަށް ފުލުހުންދަނީ މަސައްކަތްކުރަމުންނެވެ. އަދި ހަތަރު ނޫސްވެރިޔަކު ހައްޔަރުކުރުމަށް ވެހިކަލަށް އެރުވުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.
މި ބިލާ ދެކޮޅަށް މަޖިލިސް އިދާރާ ދޮށުގައިވެސް ނޫސްވެރީން މިއަދު ވަނީ އިހުތިޖާޖުކޮށްފަ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.
ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން، ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން، މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން، ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން، މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން އަދި ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން ހިމެނެއެވެ.
ބިލްގައިވާ ގޮތުން ކޮންޓެންޓާ ގުޅޭ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލާނީ މީޑިއާ ކޮމިޝަންގެ މެންބަރުންނާއި މީޑިއާ ތަމްސީލު ކުރާ ހަތަރު މީހުން އެކުލެވޭ ދާއިމީ ކޮމިޓީއަކުންނެވެ. ކޮމިޓީގެ ނަމަކީ "މީޑިއާ ކޮންޓެންޓް އެޖޫޑިކޭޝަން ކޮމިޓީ" އެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު