އަމިއްލަ ފަރާތަކަށް 3.8 މިލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ތ. ވިލުފުށީ ކެެނެރީގެ ނައްފާލު ނޫރައްދީންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމަށްވާ "ސެލްކޫތު" އިން ފެނަކައަށް ވިއްކި މުދަލަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފަސްމިލިޔަން އާއި މި ފައިސާ ނުދީގެން މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުން، ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ޝަރީއަތުން ހޯދައިދިނުމަށް އެދި ނައްފާލުގެ ފަރާތުން ފެނަކައިގެ މައްޗަށް ސިވިލްކޯޓުގައި ކުރި ދައުވާއެކެވެ.

މި ދައުވާގެ އެއްބަޔަށް ފެނަކައިން އެއްބަސްވެފައިވާތީ މިމަހު 19 ގައި ނައްފާލުގެ ފަރާތުން އެދުނީ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި މި މައްސަލައިގެ ހުކުމްކޮށްދިނުމަށެވެ.

ފެނަކައިން އެއްބަސްވީ، ފައިސާ ނުލިބޭކަމަށްބުނެ ނައްފާލުގެ ފަރާތުން ހުށަހެޅި 91 އިންވޮއިސްގެ ތެެރެއިން 68 އިންވޮއިސްއަށް ފައިސާ ދައްކާފައިނުވާތީ އެ އިންވޮއިސްތަކަށްވާ 3.8 މިލިޔަންރުފިޔާ ދެއްކުމަށެވެ. ނަމަވެސް 23 އިންވޮއިސްއަށް ދައްކަން ޖެހޭ ކަމަށްބުނާ ފައިސާ އާއި ވަކީލުގެ ފީ ދިނުމަށް ފެނަަކައިން އިންކާރުކުރިއެވެ.

އެހެންކަމުން ދޭން ޖެހޭ ފައިސާގެ އަދަދާމެދު ދެ ފަރާތުން އެއްބަސްވި ނަމަވެސް މި ފައިސާ ދޭން ޖެހޭ މުއްދަަތާމެދު ދެފަރާތުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.

އެހެންކަމުން ސިވިލް ލޯޓުން ކުރި ހުކުމްގައި ވަނީ، ފެނަކައިން 3.8 މިލިޔަން ރުފިޔާ ދެއްކުމުގައި އެއްބަސްވުމަކަށް އައިސްފައިވާތީ، ހަ މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށް ދައްކަން ޖެހޭ މިންވަރު ދައްކައި ހަލާސްކުރުމަށް އަންގައި، އަންނަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހުގެ ނިޔަލަށް ސިވިލްކޯޓަށް، އެފައިސާ ދައްކައި ހަލާސްކުރުމަށް ފެނަކައަށް އަންގައި އަމުރުކުރާ ކަމަށެވެ.