ހދ. ކުމުންދޫގެ އާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ކުމުންދޫގެ އާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށެވެ. އެ ކުންފުންޏާ އެ މަަސައްކަތް ހަވާލުކޮށްފައިވަނީ 27.26 މިލިއަން ރުފިޔާއަށް 360 ދުވަހުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 7،800 އަކަފޫޓުގެ ސަރަހަދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ބިންގަނޑު ކޮނުމާއި، މޭޝަނަރީ، ކޮންކްރީޓު މަސައްކަތް ކުރުމާއި، ޓައިލް ޖެހުމުގެ މަސައްކަތުގެ އިތުރުން ދޮރާއި ކުޑަދޮރު ހަރުކުރުން ހިމެނޭހެން ދަވާލު ލުމާއި ދަގަނޑުގެ މަސައްކަތް ކުރާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މީގެ އިތުރުން ސިއްހީ މަރުކަޒުގެ ހައިޑްރޯލިކްސް އަދި ޑްރެއިނޭޖު މަސައްކަތާއި ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެއީ ކޮންޑިޝަން ސިސްޓަމާއި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ރަށްރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށް ނިމޭއިރު ފެންވަރު ރަނގަޅު ލެބޯޓަރީއެއްވެސް ގާއިމުކުރެވިގެންދާނެކަމަށް މީގެ ކުރީން ސަރުކާރުން ވަނީ ބުނެފައެވެ. މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިއަހަރާއި މިއަންނަ އަހަރު ސަރުކާރުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މުހައްމަދު އިޝާން
ހދ. ކުމުންދޫ
ހދ. ކުމުންދޫ
ހދ. ކުމުންދޫ
ހދ. ކުމުންދޫ