ހދ. ކުމުންދޫގައި ގާއިމުކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްްޓަވައިދެއްވައިފިއެވެ.

ކުމުންދޫ އޭޓީއެމްގެ ހިދުމަތް ރައީސް، ފައްޓަވައިދެއްވާފައި މިވަނީ އެ މަނިކުފާނު ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުމުންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު، ބީއެމްއެލްގެ ޗެއާޕާސަން، އަހުމަދު އަލީ ހަބީބް އަދި ކައުންސިލްގެ ރައީސް އަމީން މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް ކައުންސިލް ރައީސް އަމީން މުހައްމަދުއާ ހަވާލުކުރައްވައިފައެވެ.

27 އޮގަސްޓު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުމުންދޫގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ފަައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކު ކާޑު، ރަށު ކައުންސިލްގެ ރައީސް އަމީން މުހައްމަދުއާ ހަވާލުކޮށްދެއްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.

ރައީސް މިދިޔަ ހޯމަ ދުވަހު ހދ. ނެއްލައިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ އޭޓީއެމްގެ ހިދުމަތްތައް ފަށާތީ އެކަމަށް ފާޑު ކިޔަމުންދާ ފަރާތްތަކަށް އެއީ ކިހައި މުހިންމުކަމެއްކަން އެނގިވަޑައިނުގަންނަވާ ކަަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ އޭޓީއެމް ނުހުންނަ ރަށްރަށުގެ މީހުން ޖެހެނީ ކައިރީ ރަށްރަށަށް ފުރައިގެން ގޮސް ފައިސާ ނަގައި ފައިސާ ޖަމާކުރުންފަދަ ކަންކަން ކުރަން ކަމަށެވެ. ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމުން ރަށުގެ ރައްޔިތުން އަތުން ފައިސާ ހަރަދުކުރާން ނުޖެހޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށާއި އެ ހިދުމަތްތަކުގެ ތެރޭގައި ބޭންކިން ހިދުމަތްތައްވެސް ހިމެނޭ ކަމަށެވެ.