ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބިން ހަމަޖައްސައިދިންހާ އަވަހަކަށް އެ ސިޓީގައި، ސިޓީ ހޮޓަލެއްގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓާ އިންވެގެން އޮތް ސަރަހައްދުގައި އިގުތިސާދީ ފުރިހަމަ ބޭނުމެއް ހިފޭނެ ގޮތް ހަދަން އިންވެސްޓަރުންނަށް ހުޅުވާލާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
"އެކަމަށް އިކޮނޮމިކް މިނިސްޓްރީން އެވަނީ ފުރިހަމައަށް ތައްޔާރުވެފައި. އަޅުގަނޑު އުންމީދުކުރަން އިކޮނޮމިކް މިނިސްޓްރީއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ސިޓީ ކައުންސިލުން އެ ބިން ބޭނުންކުރުމަށް ދެއްވާނެ ކަމަށް. އެކަން ހަމަޖެހުނުހާ އަވަހަކަށް އަޅުގަނޑުމެން އެތަނުގައި އިންވެސްޓުކުރުމަށް ސިޓީ ހޮޓަލެއް ގާއިމުކުރުމަށް ހުޅުވާލާނެކަމުގެ ޔަގީންކަން ދެން. އިރާދަކުރެއްވިއްޔާ އޭގެ ސަބަބުން މި ސިޓީގައި، ސިޓީ ހޮޓަލެއް އެޅިގެންދިޔައީމާ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހދ. އަތޮޅުގައި އޮންނަ ކޭލަކުނު، އިކޯ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް ވެސް ދަންނަވާފައިވާނެ ކަމަށާއި މިހާރު އެކަން ކުރުމަށް މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކުރެވިފައިވާ ކަމަށެވެ.
"އެމްޓީޑީސީގެ ފަރާތުން އެތަނަށް ބޭނުންވާ ހުރިހާ ޕޭޕާވޯކެއް ނިންމައިފި، ޑިޒައިނިންއާ ހުރިހާ ކަމެއް. އަދި އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ފައިނޭންސް ވެސް ހަމަޖެހިފައި އޮތް ކަމެއް. އެހެންވީމާ އެމްޓީޑީސީން އެ މަޝްރޫއު ކުރިއަށްގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވަނީ ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ނާގޯށީގައި ހަދާ ރިސޯޓުގެ މަސައްކަތް އިއްޔެ ފެށިގެން ގޮސްފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ