ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވެ.

އެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ރިޝްވާނެވެ.

މިއަދު ވަނީ ކުޅުދުއްްފުށި ވިޔަފާރި ބަނދަރުން ކުރިން ނުލިބޭ މުހިންމު ހިދުމަތްތަކެއްވެސް އިފްތިތާހުކޮށްފައެވެ. އެ ހިދުމަތްތައް އިފްތިހާހުކޮށްދެއްވީވެސް މިނިސްޓަރު ސައީދެވެ.

ކުޅުދުއްފުށި ވިޔަފާރި ބަނދަރުގައި އަލަށް ތައާރަފުކުރެވުނު ހިދުމަތްތަކުގެ ތެރޭގައި، ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް، އަދި އަސާސީ މުދާ، ޑިއުޓީ ނުދައްކާ ރައްކާކުރުމަށް ބޮންޑެޑް ސަރަހައްދެއް ގާއިމުކުރުމާއި، ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ހިމެނޭ ޓޫރިސްޓު ރިސޯޓުތަކަށް އަމާޒުކޮށްގެން ތައާރަފުކުރެވުނު ބޮންޑެޑް ވެއާހައުސްގެ ހިދުމަތާއި، ރާއްޖޭގެ އަތޮޅު ތެރޭގައި މުދާ ޑިސްޓްރިބިއުޓްކުރުމަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތައާރުފުކުރެވުނު ޑޮމެސްޓިކް ވިޔަފާރިވެރިންނަށް މުދާ ބޭލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދެއް ހުޅުވިގެންދިއުމުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ.

އެމްޕީއެލުން ބުނީ އެ ހިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކުން މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމަށް ކުރަންޖެހޭ ހޭދަ ދަށްކުރެވި، ބާޒާރުގެ އަގުތައް ހަމައަކަށް އެޅުމަށް މަގުފަހިވެ، އަދި އުތުރުގެ އަތޮޅުތަކުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ހިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަހައްދު ފުޅާކޮށް އިތުރަށް ތަރައްގީކުރުން ކަމަށެވެ.