އެމެރިކާގެ އުފެއްދުމެއް ކަމަށްވާ "ޑރ ޕެޕާ" ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި އަދި ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ" ސޮފްޓް ޑްރިންކްގައި ހުންނަންޖެހޭ މިންވަރަށްވުރެ "ބެންޒޮއިކް އެސިޑް" އިތުރު ކަމަށެވެ.

އެހެންކަމުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށާއި އަދި ނައްތާލުމަށް އެމްއެފްޑީއޭއިން ވަނީ އަންގައިފައެވެ. އަދި އެ އުފެއްދުންތައް ނައްތާލުމަށްވެސް ވަނީ އަންގައިފައެވެ.

އެ ބަޔާނުގައި އެމްއެފްޑީއޭއިން ބުނީ މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އިލްތިމާސްކުރާ ކަމަށްވެސް ބުނެފައިވެއެވެ.