ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.

އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މަކުނުދޫ ރައްޔިތުންނާއެކު ބޭއްވި ހާއްސަ ޖަލްސާގައެވެ.

އެ ޖަލްސާގައި ޕާސްޕޯޓުގެ ހިދުމަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ޕާސްޕޯޓުގެ ހިދުމަތް މަކުނުދޫގައި ފެށުމާއެކު، މިހާރު ހދ. އަތޮޅުން ކުޅުދުއްފުއްޓާއި މަކުނުދޫން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެއެވެ.

އައިޑީކާޑާއި ޕާސްޕޯޓު އަވަހަށް ފޯރުކޮށްދިނުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް 2024 ނޮވެމްބަރު 16 ގައި ވަނީ އިފްތިތާހުކޮށްފައެވެ.

މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 14 އަތޮޅެއްގައި ވަނީ އެ ހިދުމަތް ފަށައިފައެވެ.