ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ހދ. ނޮޅިވަރަމްގައި ވެސް އެ ބޭންކުގެ އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރަކީ މިއަދު ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފެށި ހަތަރުވަނަ ރަށެވެ. ނޮޅިވަރަމްގެ ކުރިން ހދ. އަތޮޅުން ހަނިމާދޫ، ނައިވާދޫ އަދި ނެއްލައިދޫގައި ވެސް ވަނީ އެ ހިދުމަތް ފަށައިފަައެވެ.

ނޮޅިވަރަމްގައި ހިދުމަތް ތައާރަފުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"ކަސްޓަމަރުން ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ފަސޭހައިން ހިދުމަތް ލިބޭނެ ވަސީލަތްތައް ގާއިމުކުރަމުން ދިއުމަކީ ހަމައެކަނި ބޭންކަށް ލިބޭ ފަހުރެއް ނޫން، މިއީ މި މުޖުތަމައުތަކަށްވެސް ލިބޭ އުފަލެއް،" ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 150 ސެލްފްސާވިސް ބޭންކިން ސެންޓަރު، 208 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.