ހދ. ނޮޅިވަރަމްގައި ހަދާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ނޮޅިވަރަމްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ނޮޅިވަރަމްގެ ސިއްހީ ދާއިރާ ތަރައްގީކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި އެއީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ވެސް ފާހަގަކުރެއްވިއެވެ.

"މި ރަށުގައި އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް އަޅުގަނޑުމެން ފަށާނަން 30 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހޮސްޕިޓަލުގެ މަޝްރޫއު ނިމެންދެން ވެސް، މިހާރު ހުރި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއް ބެހެއްޓުމަށާއި، މިހާރު ގެނެވިފައި ހުރި އެކްސްރޭ މެޝިން ބޭނުންކުރެވޭނެ ގޮތާއި، ދަތުގެ ފަރުވާދިނުމަށްޓަކައި ބޭނުންވާ ކަންކަމަށް އަދި މެޝިން ބޭނުންކުރުމުގައި ބޭނުންވާ އިތުރު އިންސާނީ ވަސީލަތުގެ އެކި ކަންކަން ކުރަން އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި ބަޖެޓުގެ ތެރެއިން ފުރިހަމަކޮށްދޭން ޖެހޭ ކަންކަން އެބަހުރި. މިކަންކަން ކުރިއަށްގެންދަން މިހާރު ވާނީ ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެން ކަމާބެހޭ ވުޒާރާއަށް ހުއްދަދީފައި. އެހެންވީމާ އެކަން ކުރިއަށްދާނެ. އަދި ހަމައެއާއެކީގައި މިވަގުތަށް ކުރެވެން ހުރި އިތުރު ކަންކަން ވެސް އިރާދަކުރެއްވިއްޔާ ސިއްހީ މަރުކަޒަށް އަޅުގަނޑުމެން ގެންނާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިއްހީ މަރުކަޒުގެ ހިދުމަތްތައް ވެސް މިހާރަށްވުރެ ފެންވަރު ރަނގަޅުވާނެ ކަމަށާއި އިންސާނީ ވަސީލަތުގެ ގޮތުން، އަދި އެހެނިހެން ރިސޯސްތައް ފުރިހަމަކޮށްދީގެން އެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށެވެ.