ހދ. ނައިވާދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ނައިވާދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ނައިވާދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި ނައިވާދޫ ކައުންސިލުގެ އަލީ ރަޝީދު މުހައްމަދުއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕްރޭޝަނާއެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފައްޓަވާފައިވާ މަޝްރޫއެކެވެ.

މިއަހަރު ތެރޭގައި ވެސް ގިނަ ރަށްރަށުގައި ވަނީ ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމެވެ.