ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ހަނިމާދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފިއެވެ.

ރައީސް، ހަނިމާދޫގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ އެ މަނިކުފާނު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫއަށް މިއަދު ވަޑައިގެން އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފުގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ އަމާޒަކީ މި ހަފުތާ ތެރޭގައި ހދ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުން ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗު، 134 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 189 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.