"މެއި ކިލާޅީ ތޫ އަނާޅީ" ފަދަ ފިލްމުތަކުން އެމީހުންގެ ކޮމިކް ހުނަރާއި ގުޅުން ދައްކާލުމަށްފަހު، އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން 18 އަހަރު ފަހުން އެކުގައި ފެނިގެންދާ ފިލްމު "ހައިވާން" ގެ ޝޫޓިން ފަށައިފިއެވެ. ޕްރިޔަދަރުޝަން ޑައިރެކްޓްކުރާ މި ފިލްމުގައި އަކްޝޭ ފެނިގެންދާނީ ވިލަންގެ ގޮތުގައެވެ.

މި ފިލްމުގެ ޝޫޓިން ފެށިކަން އިއުލާންކޮށްފައިވަނީ މަޖާ ވީޑިއޯއެއްގެ ޒަރީއާއިންނެވެ. ވީޑިއޯގައި އަކްޝޭ ކްލެޕްބޯޑު ހިފަހައްޓައިގެން ހުންނައިރު، ސައިފާއި ޕްރިޔަދަރްޝަން ވަނީ މަޖާ ވާހަކަތަކެއް ދައްކައިފައެވެ. އަކްޝޭ "ސެއިންޓް" ލިޔެފައިވާ ޓީޝާޓެއް ލައިގެން ހުރުމުން ޕްރިޔަދަރްޝަން ވަނީ ސައިފް އެ ޓީޝާޓު ލައިގެން ހުންނަން ޖެހޭނެ ކަމަށާއި، އަކްޝޭ ހިފަހައްޓަންވީ "ހައިވާން" ކްލެޕްބޯޑު ކަމަށް ބުނެފައެވެ. ޕްރިޔަދަރްޝަން ވަނީ "އަހަރެން މި މަސައްކަތް ކުރަނީ ދެ ޝައިޠާނުންނާއެކު" ކަމަށް ބުނެފައެވެ.

ވީޑިއޯއާއެކު އިންސްޓަގްރާމްގައި އަކްޝޭ ލިޔެފައިވަނީ "އަހަރެމެން އެންމެން ވެސް ތިބެނީ ކުޑަކޮށް ޝައިޠާނެއްގެ ސިފައިގައި... ބައެއް މީހުން ބޭރުފުށުން ސެއިންޓެއްގެ ސިފަޔަށް، އަނެއް ބަޔަކު އެތެރެއިން ހައިވާނެއްގެ ސިފަޔަށް. އަހަރެންގެ އެންމެ ގަޔާވާ ޑައިރެކްޓަރ ޕްރިޔަދަރްޝަން ސަރާއެކު 'ހައިވާން' ގެ ޝޫޓިން މިއަދު ފަށައިފިން. 18 އަހަރަށްފަހު ސައިފާއެކު މަސައްކަތް ކުރުމަކީ ވަރަށް އުފާވެރި ކަމެއް. އުފާކުރުން ފަށަމާ!" އެވެ.

ފިލްމު "ޓަޝަން" (2008) އަށްފަހު އަކްޝޭއާއި ސައިފް އަލުން އެއްކޮށް މަސައްކަތް ކުރާތީ ފޭނުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. ގިނަ ފޭނުން އަންނަނީ މި ފިލްމަކީ "ބްލޮކްބަސްޓަރެއް ކަށަވަރު" އަދި "ކޮމެޑީ އަލުން އަތުވެއްޖެ" ފަދަ ކޮމެންޓުތައް ކުރަމުންނެވެ.

"ހައިވާން" އަކީ 2016 ވަނަ އަހަރު ރިލީޒްވި މަލަޔާޅަމް ފިލްމު "އޮއްޕަމް" ގެ ހިންދީ ރިމޭކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމާ ބެހޭ އިތުރު ތަފްސީލްތައް އަދި ހާމަކޮށްފައެއް ނުވެއެވެ.