ހދ. ހަނިމާދޫގެ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ފައްޓަވައިދެއްވީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރު ފުޅުގައި މިއަދު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިިނިސްޓަރު އިބްރާހިމް ނާޒިމް އާއި ރޯޑްޑިވެލޮޕްމްނަޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ނަޒީމް އަދި ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.

ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ރޭ ވިދާޅުވީ ހަނިމާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލު ނިމޭއިރު، ރަށުގެ ސިއްހީ ދާއިރާގެ ހިދުމަތް ވަރުގަދަވާނެކަމަށެވެ. އަދި މިހާރު ހުރި ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކުރުމަށް މަަސައްކަތް ކުރައްވާ ކަމަށެވެ.

މިއަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާއިރު އާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.