ހދ. ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދުއަށް ބަދަލުވާ އިރު، ރައްޔިތުންނަށް ފައިސާގެ އަދަދެއްވެސް ދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ހިރިމަރަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރަށުގެ ރައްޔިތުންގެ މުސްތަގުބަލު އުޖާލާކޮށް، ފެންވަރު ރަނގަޅު ހިދުމަތް ދިނުމާއި ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެެއްސުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

"މިއަދު އަޅުގަނޑު މި ރަށަށް އައިސް މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއުގައި ސޮއިކުރީ. އާދި ތިބޭފުޅުންގެ މުސްތަގުބަލަށްޓަކައި އާބާދީއާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ތިބޭފުޅުން އެދިވަޑައިގެން އަދި ރައްޔިތުން ބޭނުންވެލައްވާ ގޮތަށް ހަނިމާދޫގައި ތިބޭފުޅުންނަށް ދާއިމީ ގެދޮރުވެރިކަން ބިނާކޮށްދީ، އެ ސަރަހައްދުގެ ހުރިހާ ވަސީލަތްތަކެއް، އުމްރާނީ ވަސީލަތްތަކެއް ގާއިމުކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާއެކީގަ މި ސޮއިކުރީ،" ރައީސް ވިދާޅުވިއެވެ.

24 އޮގަސްޓު 2025، ހދ. ހަނިމާދުއަށް ބަދަލުވާ އެ އަތޮޅު ހިރިމަރަދޫގެ ރައްޔިތުންގެ ހައުސިން ޔުނިޓް ހެދުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހިރިމަރަދޫގެ ހުރިހާ ރައްޔިތުންނަށް ހުރިހާ ގޯތިތަކަށް، ގެއެއް އިމާރަތް ކުރާނެ ކަމަށެވެ. ހިރިމަރަދޫގައި އޮތީ ގާތްގަޑަކަށް 154 ގޯތި ކަމަށާއި އެހެންކަމުން ހަނިމާދޫގައިވެސް އިމާރަތްކުރާނީ ގާތްގަނޑަކަށް 154 ވަރަކަށް ގެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި އެ ގޯތީގަ ގެއެއް އަޅައިދީފަ ގޯއްޗާއި ގެއާ އެކީގައި ތަޅުދަނޑި ހަވާލުކުރެވިގެންދާނެ. އަދި އޭގެ އިތުރަށް ބަދަލުވުމުގެ ގޮތުން، ބަދަލުގެ ބަދަލެއްގެ ގޮތުގަ ފައިސާގެ އަދަދެއްވެސް ތިބޭފުޅުންނަށް ލިބިގެންދާނެ" ރައީސް ވިދާޅުވިއެވެ.

"ދެން ކުރީގައި ގެ ދޭއިރުގައި ނޫނިއްޔާ ބަދަލުގެ ބަދަލު ދޭއިރުގައި ދެ ފައިސާގެ އަދަދު އަޅުގަނޑުމެން ރިވައިޒް ކުރަނީ ނޫނިއްޔާމުން މުތޯލިއާ ކުރަމުން މިދަނީ، އެއަށްވުރެ ބޮޑުވާނެ. ކުރީގެ ދެމުން ދިޔައީ ތަންކޮޅެއް ކުޑަ އަދަދެއް މިހާރާ އަޅައި ބަލާއިރުގައި،"

އެ މަނިކުފާނު ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުންގެ ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ހަނިމާދޫގައި ފެށިގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ 13 ރަށަށް ކުަރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން، ހިރިމަރަދޫއަށް ކުރެއްވި ޒިޔާތަރުގައި ރައީސްއަށް މަރުހަބާދެންނެވުމަށް ހިރިމަރަދޫ ރައްޔިތުން ސަފުހަދާފައި --- ފޮޓޯ/ ރައީސް އޮފީސް

"ފެށި އެ ހުރިހާ ގެދޮރެއް އަޅައި ގެތައް އަޅައި ނިންމައި އިންފްރާސްޓްރަކްޗާ މަސައްކަތް އަޅުގަނޑުމެން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް އެންމެ ގިނަވަގެން 18 މަސްދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާނަން. އެހެންވީމާ ދޮޅު އަހަރު އެންމެ ގިނަވެގެން،" ރައީސް ވިދާޅުވިއެވެ.

އާބާދީއާއި ތަރައްގީ އެއްފަސް ކުރަނީ ރައްޔިތުން ބޭނުންވުމުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެެއްވެސް ރަށެއްގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް ސަރުކާރުން މަޖުބޫރުނުކުރާނެ ކަމަށެވެ. ނަމަވެސް ރަށުގެ ރައްޔިތުންގެ އެފަދަ ވިސްނުންތަކެއް ހުރިނަމަ ސާވޭތައް ކުރިއަށް ގެންދާނެ ކަމަށާއި އެއަށްފަހު އެ ބަދަލުވާން ބޭނުންވާ ރަށެއްގެ ރައްޔިތުން ބަދަލުކުރާނެ ރަށެއް ސަރުކާރުން ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިރިމަރަދޫއަކީ، މި ސަރުކާރުގެ ތަރައްގީއާއި އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން މީހުން އެހެން ރަށަކަށް ބަދަލުކުރާ ފުރަތަމަ ރަށްކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި ދެތިން ރަށަކުން މިގޮތަށް އެދިފަ އެބައޮތް" ރައީސް ވިދާޅުވިއެވެ.

ރަށްރަށުގެ މީހުން އެ ރަށްރަށަށް ބަދަލުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދާނީ ކުރީ ސަރުކާރުން އެކަން ކުރި ގޮތަށްވުރެ ފުރިހަމަކޮށްކަމަށް ރައީސް ވިދާޅުވިއެވެ.

ހިރިމަރަދޫ --- ފޮޓޯ: ހިރިމަރަދޫ އޮން

"އެއްކަމަކަށް ބަދަލުގެ ގޮތުގައި ދޭ ފައިސާ އަދަދު ބޮޑުވާނެ. ދެވަނަ ކަމަކަށް ދޫކޮށްލާ ފައިދާ އުފަން ރަށް، އަމިއްލަ ރަށުން ކޮންމެވެސް ކަހަލަ އިގުތިސޯދީ ނަފާއެއްވެސް އެ ފަރާތްތަކަށް ލިބޭނެ ގޮތަށް އަޅުގަނޑުމެން ބައްޓަންކުރަން ގަސްދުކުރަނީ" ރައީސް ވިދާޅުވިއެވެ.

"މިރަށް ސަރުކާރުން ކުރާ ބޭނުންކުރާ ކޮންމެ ގޮތަކަށް ބޭނުން ކުރިޔަސް އެކުރާ ބޭނުމަކުން މި ރަށުން ތިބޭފުޅުންނަށްވެސް ކޮންމެވެސް ކަހަލަ އިގުތިސޯދީ ނަފާއެއް، މަލީ ފައިދާއެއް ކުރާ ކަހަލަ ގޮތަކަށް ބައްޓަންކުރަން އަޅުގަނޑުމެން ބޭނުންވަނީ"

ރައީސް ވިދާޅުވީ ސަރުކާރުން އެކަންތައް ބައްޓަން ކުރާނީ ރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނެވި ފައިދާއެއް ލިބިގެންދާނެ ގޮތަކަށް ކަމަަށެވެ. އެ މަނިކުފާނު ދެކެވަޑައިގަންނަވަނީ އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

ހިރިމަރަދޫއަކީ އެ ރަށުގެ ރައްޔިތުން އުޅެބޮޑުވެ، އެތަކެއް ހަނދާންތަކެއް އަދި އެތަކެއް ގުރުބާނީތަކެއްގެ އިތުރުން އެތަކެއް ޖީލުތަކެއް ދިރިއުޅެފައިވާ ރަށަކަށްވުމުން، ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރާއިރު އުފަން ރަށުގެ މަންފާ ރަށުގެ ރައްޔިތުންނަށް ކޮންމެހެންވެސް ލިބެންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އާބާދީއާއި ތަރައްގިއާ އެއްފަސްވާން ބޭނުންވާ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ހަމަ މި މެސެޖު މިދެނީ" ރައީސް ވިދާޅުވިއެވެ.

ކުދިކުދި އާބާދީތައް ދިރިއުޅެމުންދާ ރަށްތައް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ ބަދަލުތަކެއް ރަށްތަކުގެ ރައްޔިތުންނަށް ލިބޭކަމަށްވަންޏާ އާބާދީއާ ތަރައްގީ އެއްފަސްވާން ބޭނުންވާ އެހެން ރަށްތައްވެސް ހުންނާނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެންމެ މީހުން މަދު ރަށުގެ ރައްޔިތުންނަށްވެސް ހަމަހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

24 އޮގަސްޓު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ހިރިމަރަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

"އެހެންނަމަވެސް އެންމެ ދެމެހެއްޓެނެވި ދުރު ރާސްތާ ވިސްނުމަކީ، އިކޮނޮމީ އޮފް ސްކޭލް ހާސިލުވަނީ އެންމެ ފީޒިބަލް ގޮތަކީ ކުދިކުދި އާބާދީތައް، ތަންކޮޅެއް އާބާދީ ބޮޑު ރަށެއްގަ ގޮސް އާބާދުވެގެން އެއްފަސްވުން" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ރަށްތަކުގައި ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކޮށް، އާބަން ސެންޓަރަކަށް ހަދައި، ކުދި ރަށްރަށުގެ މީހުން އެފަދަ އާބަން ސެންޓަރުތަކަށް ބަދަލުވުމަށް ޝައުގުވެރިކަން އުފެއްދުންކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އަދި އޭގެ ކުރިން އެ މިނިސްޓްރީގެ އެހެން މަގާމުތައް އަދާކުރެއްވި އިރުވެސް އާބާދީއާ ތަރައްގީއާ އެއްފަސް ކުރުމުގެ ކަންކަމުގެ އެކި ގިންތީގައި މަސައްކަތް ކުރައްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ކަންކަމާ ގުޅިގެން ރައްޔިތުން ދެކޭ ގޮތާއި އެކަމުގެ ޓެކްނިކަލް މަސައްކަތްކުރާ މީހުންގެ ވާހަކަތައް ފެނިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އާބާދީއާ ތަރައްގީއާ އެއްފަސް ކުރުމަކީ ކޮންކަހަލަ ކަމެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ވަރަށް ޒިންމާދާރުކޮށް އަދި އިހުލާސްތެރިކަމާއެކު، ކުރަންޖެހޭނެކަމެއްކަންވެސް އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.