ދައުލަތުން ދޭ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އާދަމް އަބްދުއްރަހުމާން، ހއ. އުތީމު އަލިމަސްގެއަށް މިއަދު އަރުވައިފިއެވެ.
މިއަދު ހއ. އުތީމުގައި ކުރިއަށްދާ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި އެ ޝަރަފު އާދަމް އަބްދުއްރަހްމާންއަށް އަރުވައި ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އާދަމް އަބްދުއްރަހުމާނަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަރުވާފައިވަނީ ހއ. އަތޮޅަށް އަދި އުތީމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމަށެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަދި ދިވެހި އަދަބިއްޔާތަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމަށެވެ.
އާދަމް އަބްދުއްރަހުމާން ވަނީ 42 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ.
އާދަމް އަބްދުއްރަހްމާން ވަނީ އުތީމު ކަތީބުކަން 15 އަހަރު ވަންދެއް ކުރައްވައިފައެވެ. އަދި އޭގެ ފަހުން ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ފުރުއްވައި ތިން ފަހަރު މަތިން ހއ. އަތޮޅުވެރިކަން ކުރައްވާފަ އެވެ. އަދި އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ.
އޭގެ އިތުރުން ޅެންވެރިކަމާއި ލިޔުންތެރިކަމުގައި ވެސް އާދަމް އަބްދުއްރަހުމާން ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން 2004 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާ އިން ޅެން ހެދުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު އަދި 2016 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.
އާއިޝަތު މާހާ
ގައުމީ ދުވަސް
ގައުމީ ދުވަސް
ގައުމީ ދުވަސް
ގައުމީ ދުވަސް