ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ދީފިއެވެ. އޭގެތެރެއިން އެއް ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވާފައިވަނީ ހަނދާނަށެވެ.

ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖާއި ލިޔުން އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހަނދާނީ ފިލަ އާއި ހަނދާނީ ލިޔުން ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއަދުގެ ޖަލްސާގައި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތްވަނީ އެއް ބޭފުޅަކަށް އަރުވައިފައެވެ. އެއީ ހއ. އުތީމު، އަލިމަސްގެ އާދަމް އަބްދުއްރަހްމާންއެވެ.

ޝަރަފުގެ އިނާމު ލިބުނު ފަރާތްތައް:

  • އިސްލާމް ދީނަށް ހިދުމަތްކުރުމުގެ ދާއިރާ - އައްޝައިހް އިސްމާއިލް މުހައްމަދު
  • އިމާރާތްކުުރުމުގެ ދާއިރާއިން - މުހައްމަދު މައުރޫފް ޖަމީލް
  • ޕާފޯމިން އާޓްސް - މުހައްމަދު މާޖިދު

މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބުނު ފަރާތްތައް:

  • ދިވެހި ބަހާއިި އަދަބިއްޔާތުގެ ދާއިރާއިން ފޮތްލިޔެ ޝާއިއުކުރުމުގެ ރޮނގުން - ހުސްނާ ފަހުމީ
  • ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން - އިއްޒަތު އަހްމަދު ނިޒާރު
  • ސިއްހީ ދާއިރާއިން ސިއްހީ ހޭލުންތެރކަން އިތުރުކުރުވުމުގެ ރޮނގުން - ޑރ. އަބްދުލް އަޒީޒް ހަމީދު
  • ސިއްހީ ދާއިރާއިން ދިވެހި ބޭސްވެރިކަމާއި އެ މަސައްކަތް ތަރައްގީކުރުން - އާމިރާ ސުލައިމާން
  • އިޖުތިމާއި ރައްކާތެރިކަމާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތްކުރުމުގެ ރޮނގުން - ފާތިމަތު އިބްރާހިމް
  • އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން - އަހްމަދު ވަހީދު އަލީ
  • ވިޔަފާރި އާއި އިގުތިސޯދީ ދާއިރާއިން ވިޔަފާރިފުޅާކޮށް ތަރައްގީކުރުމުގެ ދާއިރާއިން - އުރީދޫ
  • މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތްކުރުމާއި އެ މަސައްކަތްކުރިއެރުވުމުގެ ރޮނގުން - އަލީ މުއްދީން
  • މުއާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކޮމްޕިއުޓާ ސޮފްޓްވެއާ އާއި، ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން މުހައްމަދު ޖައިލަމް
  • އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން ޒަހިއްޔާ މުހައްމަދު

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސް އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.