ރެޑްވޭވް މޯލް އިން ސެންޓްފުޅި ނަގައިގެން ކުރި ހުކުމްގައި ހިމެނޭ ޖޫރިމަނާ ނުދައްކައިގެން ޏ. ފުވައްމުލައް ފުނާޑު، އުޑުވިލާ މުހައްމަދަށް އެއް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
އޭނާގެ މައްޗަށް ދައުލަތުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ކުރީ، 20 ޖޫން 2019 ވަނަ ދުވަހު މަޖީދީ މަގުގައި ހުންނަ "ރެޑްވޭވް މޯލް" އިން "ޖަސްޓް ކޯލްމީ" ބްރޭންޑްގެ ސެންޓް ފުޅިއެއް ނަގައި އޭނާ ލައިގެން ހުރި ޖިންސާއި ބަނޑާ ދޭތެރެއަށް ލާފައިވާތީއެވެ.
އޭނާ ވަނީ އެކަން ކުރެވިފައިވާ ކަމަށް އިއުތިރާފްވެފައެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއްމަހާއި 24 ދުވަހުގެ މުއްދަތަށް ޖަަލަށްލުމަށް ހުކުމްކޮށް، 9600 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އެންގިއެވެ.
ނަަމަވެސް އޭނާ އެފައިސާ ދައްކާފައިނުވާތީ، ކޯޓުން ވަނީ އެ އަދަބު މުރާޖައާކޮށްފައެވެ.
މުރާޖައާގެ ތެެރެއިން ވެސް ޖޫރިމަނާގެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައިނުވާކަން ސަބިތުވެފައިވާތީ 9600 ރުފިޔާގެ ޖޫރިމަނާގެ އަދަބަކީ އެއް މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު