ކޯޓު އަމުރަށް ފޯނުގެ ލޮކް ކޯޑު ޖަހައިގެން ފޯނު ހުޅުވައިނުދިން ދެމީހުން ޖަލަށްލާން ހުކުމްކޮށް، އެ ހުކުން ޖޫރިމިނާއަށް ބަދަލުކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މީގެ ތެެރެއިން އެކަކީ ސ. ހިތަދޫ އަންނާރުމާގޭ، އަހްމަދު ނަސީރުއެވެ.

އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރީ، 23 އޯގަސްޓް 2020 ވަނަ ދުވަހު ދޭއްޖަހާކަންހާ އިރު، ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޯޓު އަމުރުގައިވާ ގޮތުގެމަތިން ފޯނުގައި ހުރި މައުލޫމާތު ސާފު ކުރުމުގެ ބޭނުމުގައި ފުލުހުން ފޯނުގެ ލޮކް ކޯޑު ޖަހައިފޯނު ހުުވައިދިނުމަށް އެދުމުން، ލޮކް ކޯޑުޖަހައި ފޯނު ހުޅުވައިދީފައި ނުވާތީއެވެ.

މި ކުށަށް ފުރަމަތަ އިއުތިރާޒް ކުރި ނަމަވެސް ފަހުން، ޕްރޮސިކިއުޓާ ޖެެނެރަލްއާ އެކު އޭނާ ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފައެވެ.

އެހެންކަމުން ތިން މަހާއި 27 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، އެ ޖަލު އަދަބު 23،400 އިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް މިފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންްޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގައި ވަނީ ހުކުމްކޮށްފައެވެ.

ދެވަނަ މީހަކީ، ސ. މީދޫ މުންލައިޓް ވިލާ މުހައްމަދު އަފްރާހުއެވެ.

އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރީ، 100،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ވައްކަން ކުރުމުގެ މައްސަލައެއްގެ ތަހުގީގަށް ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޯޓު އަމުރުގައިވާ ގޮތުގެ މަތިން ފޯނުގައި ހުރި މައުލޫމާތު ސާފު ކުރުމުގެ ބޭނުމުގައި ފުލުހުން ފޯނުގެ ލޮކްކޯޑު ޖަހައިފޯނު ހުުވައިދިނުމަށް އެދުމުން، ލޮކް ކޯޑުޖަހައި ފޯނު ހުޅުވައިދީފައި ނުވާތީއެވެ.

ތިން މަހާއި 26 ދުވަހަށް އޭނާ ޖަލަށްލުމަށް ހުކުމްކޮށް އެ އަދަބު 23،200 އިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް ފަސް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.