ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
ބީއެމްއެލުން މިއަދު ބުނި ގޮތުގައި އެ ކްލާސް ތައްޔާރުކޮށްފައި ވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމާއި އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެންނެވެ.
ވޭމަންޑޫ ސްކޫލްގެ އަމާޒަކީ މި ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަހުމަދު ޝައުގަތު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަގުސަދަކީ އުގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.
މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ.
ބީއެމްއެލުން ބުނިގޮތުގައި މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިންވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ސޮލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީ ކޮށްފައި ވެއެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައި ވެއެވެ.
މި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައެވެ.
އާއިޝަތު މާހާ
ތ. ވޭމަންޑޫ
ތ. ވޭމަންޑޫ