މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މާލޭ އުތުރުފަރާތުގެ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮއްޓާއި އެއްގަމުތޮށި މަރާމާތުގެ މަސައްކަތަށް ފަޅު ބަންދުކޮށްފައިވާތީ، އެ ސަރަހައްދުން ހިދުމަތް ހޯދަމުންދިޔަ ފެރީތަކަށް ދެ ސަރަހައްދެއް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އުތުރު ފަރާތުގެ ތޮށިތައް މަރާމާތުގެ މަސައްކަތް ނިމެންދެން، ފެރީތަކަށް ހުއްޓުމެއްނެތި ހިދުމަތްދިނުމަށްޓަކައި މިމަހުގެ 20 އިން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 19 ގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަށް އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތުވެސްޓް ހާބަރު (ޓީޖެޓީ) އިން އެ ހިދުމަތް ލިބޭނެ ކަމަށެވެ.
ތިން މަސް ދުވަސް ހަމަވެ، މަރާމާތުގެ މަސައްކަތް ނިމުމުން، އެ ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާގޮތަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
އިތުރު މައުލޫމާތު ބޭނުންވާނަމަ މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަދި ޓީޖެޓީ އޮޕަރޭޝަންސް ނަންބަރު 3039644 އަށް ގުޅުމަށް އެމްޕީއެލުން އެދެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ.
މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން
- 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް)
- ދުވާރުތައް ހެދުން
- ފެން ހިންދާ ނިޒާމު ގާއިމުކުރުން
- ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.
އެ މަޝްރޫއުގެ މަގުސަދަކީ މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ގޯސްވަމުންދާ މިންވަރު ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށް ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ހޯދައިދިނުމެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި ރައީސް ވިދާޅުވެފައިވަނީ، ޗައިނާ އިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް