ވަކީލުކަމުގެ ލައިސަންސް ފޯޖުކޮށްގެން ބޭނުންކުރި މީހެއްގެ މައްސަލަ، ބާ ކައުންސިލުން ފުލުހަށް ހުށަހަޅައިފިއެވެ.

ބާ ކައުންސިލުން އެކަން ބަލާފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި މަސައްކަތްކުރާ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲ ގެ ގާނޫނީ ވަކީލުކަމުގެ ހުއްދައަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދައެއްތޯ ބެލުމަށް އެމްޕީއެލުން ބާ ކައުންސިލަށް ހުށަހެޅުމުންނެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާތިމަތު ތޫބާ އަބްދުﷲ އަކީ އެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިތުރަށް ބެލިބެލުމުން އޭނާއަށް ދޫކޮށްފައިވާ ކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ނަމާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، "ދިވެހިރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ"ގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލިޔުމެއްކަމާއި، އެ ލިޔުމުގައި ހިމަނާފައިވާ ސޮޔަކީ، އެ ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއި ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ބުނީ ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގެމަތިން، 27 ޖޫން 2019 ގައި ބާ ކައުންސިލް ވުޖޫދުވުމަށްފަހު، އެ ގާނޫނުގައިވާ ގޮތުގެމަތިން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ މަތިކުރެވިފައިވާ ހަމައެކަނި އިދާރާއަކީ އެ ކައުންސިލު ކަމަށެވެ.

"ބާ ކައުންސިލުގެ ވަކީލުންގެ ދަފުތަރުގައި، ފާތިމަތު ތޫބާ އަބްދުﷲ ހިމަނާފައިނުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޓަޔަރކުރައްވާފައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށް، 20 ސެޕްޓެމްބަރު 2020 ގެ ތާރީހުގައި ތައްޔާރުކޮށްފައިވާ ދެންނެވުނު ލިޔުމުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި މި ކައުންސިލުން އިތުރަށް ބެލިބެލުމުން ފާތިމަތު ތޫބާ އަބްދުﷲ އަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަން މި ކައުންސިލަށް ކަށަވަރުކުރެވިފައިވާތީ، މި މައްސަލަ ތަހުގީގުކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ބާ ކައުންސިލުން ވަނީ ހުށަހަޅައިފައެވެ..،" ބާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

ބާ ކައުންސިލުން ބުނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ގާނޫނީ ވަކީލެއްކަމުގައި އާންމުންނަށް ގަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއި، ރާއްޖޭގައި ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތްދިނުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މަނާކަމެއް އަދި ގާނޫނީ ކުށެއް ކަމަށެވެ. އެއްވެސް ފަރާތަކުން އެފަދަ އަމަލުތައް ނުހިންގުމަށް ވެސް އެ ކައުންސިލުން އިލްތިމާސްކުރިއެވެ.

ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފުތަރު ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެ ކަމަށާއި ގާނޫނީ ހިދުމަތް ހޯދުމުގައި، ހިދުމަތްދޭ ނުވަތަ ދޭން ހުށަހަޅާ ފަރާތަކީ އެކަމުގެ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރުކުރުމަށްޓަކައި ބާ ކައުންސިލުގެ ވެބްސައިޓުން އެ މައުލޫމާތު ޔަގީންކުރުމަށް އިލްތިމާސްކުރާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.