ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމައި, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ.
އެ ކުންފުންޏާއެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 10 އޭޕްރީލް 2025 ގައެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ނިންމުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މިއަދު ހަވާލުކޮށްފައި މިވަނީ ޝެޑިއުލަށްވުރެ 84 ދުވަސް ކުރިންނެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލް އިން ވަނީ ބީޔޫސީޖީއާ ހަވާލުކޮށްފައެވެ.
އެ ލިޔުން އެމްއޭސީއެލްގެ ފަރާތުން ބީޔޫސީޖީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ. ބީޔޫސީޖީގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯއެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު އާއި އެމްއޭސީއެލްގެ ބޯޑް މެންބަރުންނާއި އެގްޒެކެޓިވް ކޮމިޓީ މެންބަރުންގެ އިތުރުން ބީޔޫސީޖީ އިންޓަނޭޝަނަލްގެ ފަރާތުން ޒަންގް ފެންގްލިން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ފާތިމަތު ރާމިޒާ އާއި މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗެއާޕާސަން ނޫރައިން ވިދާޅުވީ ޓެކްސީވޭ ޗާލީ ތަރައްގީކުރުމަކީ ވީއައިއޭގެ އާ ސަފުހާއެއް ކަމަށެވެ. އެ މަޝްރޫއު ނިމުމުން ވީއައިއޭއަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނޫރައިން އިތުރަށް ވިދާޅުވީ, ވީއައިއޭގެ ތަރައްގީގައި ބީޔޫސީޖީއަކީ މުހިންމު އަދި އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ.
3200 މީޓަރު ދިގު ޓެކްސީވޭ-ޗާލީ އަކީ 1976 ވަނަ އަހަރު ހެދި, ވީއައިއޭގެ އެންމެ ފުރަތަމަ ރަންވޭއެވެ. އެ ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް ތަރައްގީކުރީ 1981 ވަނަ އަހަރުއެވެ. އެއަށްފަހު ރަންވޭ ދިގުކޮށް, އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެއެވެ. ހާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަން ޖެހުނެވެ.
އެ ރަންވޭ، ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022 ގައެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ހުޅުވުމުންނެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް