މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ އއ. އަތޮޅު ހޮސްޕިޓަލުގެ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރަސްދޫގައި މިއަދު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި އއ. އަތޮޅު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ރަސްދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަޝްރޫއުގެ ދަށުން އެކޮމޮޑޭޝަން ބްލޮކަކާއި ސާވިސް ބްލޮކެއް ހިމެނޭހެން، 50 އެނދު އެކުލެވޭ އިމާރާތެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ބިންގަނޑު ކޮނެ ލެވަލްކުރުމާއި، ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި، ތަށިމުށި ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއި، ކަރަންޓު ވަޔަރުކުރުމާއި، މެޑިކަލް ގޭސް ސިސްޓަމާއި، އެއާ ކޮންޑިޝަން އަދި އަލިފާން ނިއްވާ ސިސްޓަމްތައް ހަރުކުރުން ވެސް ހިމެނެއެވެ. އެ މަޝްރޫއަކީ 185.57 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ 1345 މީހުންގެ އާބާދީއެއް އޮންނަ ރަސްދޫގައި އިމާރާތްކުރާ އެ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުން، އއ. އަތޮޅުގެ އެންމެހައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރަސްދޫ އާއި އއ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން މާލެއަށް ބޭސްފަރުވާއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ސިއްހީގޮތުންނާއި މާލީގޮތުން ވެސް ރައްޔިތުންނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.