އއ. ތޮއްޑޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުުވީ 30 އެނދުގެ ސިއްހީ މަރުކަޒުގެ މަޝްރޫއު އަމަލީ ގޮތުން ފެށުމުގެ ހުރިހާ މަސައްކަތެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ އެޑްވާންސް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

"މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޑިޒައިންގެ ތެރޭގައި ހިމެނޭ ޖާގަތަކުގެ ތެރޭގައި މި 30 އެނދުގެ މަޝްރޫއު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އިއިސީޔޫވެސް ހިމެނުމުގެ ފުރުސަތު އޮތްކަން ކަމާބެހޭ ހެލްތު މިނިސްޓްރީގެ އެކްސްޕާޓުން ޔަގީންކަން ދެއްވާފައިވާތީ، މި މަޝްރޫއު އަޅުގަނޑުމެން ކުރިއަށް ގެންދާނީ 30 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައިކަން ތިބޭފުޅުންނަށް ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ވެސް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ގާއަތުރައިގެން އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި ޓޫރިޒަމް ކުރިއަރާފައިވާ ރަށެއްގައި އެގޮތަށް މަގުހެދުމަކީ އެމަނިކުފާނު ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެެ ރަށަކީ ދަނޑުވެރިކަމުގެ ދާއިރާގައި ހާއްސަ ރަށަކަށްވާތީ ހަޔާ އެޑިއުކޭޝަން ސިޔާސަތުގެ ތެރެއިން އެންއެންޔޫގައި ފެކަލްޓީ އޮފް ފުޑްސް އެންޑް ސައިންސް އުފައްދައި އެ ފެކަލްޓީގެ އިމާރާތް އެ ރަށުގައި ގާއިމުކޮށް ހިންގަން ނިންމަވާފައިވާކަން ވެސް އިއުލާނު ކުރައްވައިފައެވެ.

"އެހެންވީމަ އެ މަޝްރޫއު ވަރަށް އަވަހަށް ފެށޭނެ. އެ ފެކަލްޓީ މި ރަށުގައި ގާއިމުކުރުމުގެ މަސައްކަތް މިކަން ވެގެންދާނީ އެތައް ގޮތަކުން ރަށަށް ކުރިއެރުން ލިބޭނެ ކަމަކަށް. ތައުލީމީ ގޮތުން އެ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިން މިރަށަށް އައިސް ކިޔެވުމާއި އަދި އޭގެ ތެރެއިން ސީދާ އަދި ނުސީދާ އެތައް ފައިދާއެއް ހުންނާނެ. އެ މަޝްރޫއުވެސް އޮތީ ތަރުތީބުވެފައި، މާ ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އަންނަ އަހަރު އެ ރަށަށް ޝެޑިއުލް ސީޕްލޭން ދަތުރުތައް ފެށުމަށް ނިންމާފައިވާކަން ވެސް އިއުލާން ކުރައްވައިފައެވެ.