އއ. ބޮޑުފޮޅަދޫގައި 50 ހައުސިން ޔުނިޓް ހެދުމަށް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ބޮޑުފޮޅަދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ބޯހިޔާވަހިކަމަކީ އެ މަނިކުފާނު އެންމެ ބޮޑަށް އިސްކަން ދެއްވާ މަޝްރޫއު ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބަޖެޓް އެކުލަވާލާއިރުވެސް އެންމެ އިސްކަމެއްދެނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ފައިސާ ކަނޑައެޅުމަށް ކަމަށެވެ.

"އެންމެ މުހިންމުކަމަކީ ގެދޮރުގެ މައްސަލަ ހައުސިން، އެއީ ޖުމްލަކޮށްވެސް މުޅިރާއްޖޭގަ އެންމެ ބޮޑު މައްސަލަ، ހާއްސަކޮށް ބައިބޯ ރަށްރަށުގައި އަދި އާބާދީ ބޮޑެތި ރަށްތަކުގަ ގެދޮރުގެ މައްސަލައަކީ އެންމެ މުހިންމު މައްސަލަ. މިރަށުގަ ހައުސިން މަޝްރޫއެއް މިއަހަރުގެ ބަޖެޓުގައި ހިމެނިފައެއް ނުއެއް އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

"މިއަންނަ އަހަރުގެ ބަޖެޓުގަ މިރަށުގެ ހައުސިން މައްސަލަ ގެދޮރުގެ މައްސަލަ ހައްލުކުރަން 50 ހައުސިން ޔުނިޓް އެޅުމަށް ކަނޑައަޅާ އެ މަޝްރޫއު ބަޖެޓުގަ ހިމަނާނަން. އަދި އިރާދަކުރެއްވިއްޔާ އަހަރުގެ ކުރީކޮޅު އަމަލީ ގޮތުން މަސައްކަތް ފަށައިދޭނަން"

ރައީސް ވިދާޅުވީ ބޮޑުފޮޅަދޫން ހަތަރު ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ވެސް ސަބަބަކީ ހެދި އެ ހިއްކި ބިން ރަށު ކައުންސިލާ ހަވާލުކުރެވިފައިނުވާ ކަމަށާއި އަދި ހިއްކި ބިން ހިމާޔަތް ނުކުރެވުމުގެ އިތުރުން، ބިން ރަށުގެ ކައުންސިލާ ހަވާލުނުކޮށް އޮތުމުގެ ސަބަބުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނުފެށިފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ކަމަށާއި ސަރުކާރުން ވަނީ އެ ބިން ކައުންސިލާ ހަވާލުކުރަން މިހާރު ނިންމާފައި ކަމަށެވެ. ރަށު ކައުންސިލާ ބިން ހަވާލުކުރުމަށްފަހު، އެތަން ހިމާޔަތްކޮށް، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑުފޮޅަދޫގެ އިހުތިސޯސް ތެރޭގައި މިހާރު ދިއްގާފަރު ހިމަނައިދީފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ދިއްގާފަރު، ބޮޑުފޮޅަދޫގެ ރައްޔިތުންނާ ހަވާލުކުރީ އެރަށުން އިގްތިސޯދީ މަންފާ ހޯދުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ދިއްގާފަރުގެ އިގްތިސޯދީ ޕްލޭން، ކަމާބެހޭ އިދާރާއަށް ފޮނުވާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށާއި ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ކުރަންވީ ކަަމަކީ ދިއްގާފަރުގެ ބޭނުން ފުރިހަމައަށް ހިފުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ސްކޫލުގެ މަލްޓިޕާޕޯސް ހޯލުގެ މަސައްކަތާއި ކްލާސްރޫމް ހެދުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އެއަށްވުރެ ކުރިންވެސް އެ މަސައްކަތްތައް ފަށައިދެވޭތޯ ކަމަށް ރައީސް ވިދާޅުވިއެވެ.

20 އޮގަސްޓު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ބޮޑުފޮޅަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން ----- ފޮޓޯ: ރައީސް އޮފީސް

ރަށުގެ ސިއްހީ މަރުކަޒުގެ ޖާގަ އާއި އިތުރު ވަސީލަތްތައް އިތުރުކޮށް އާ ސިއްހީ މަރުކަޒެއްގެ އިމާރާތް ހެދުމަށް ނިންމާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށުގެ ހޭންޑްބޯލް ކޯޓުގެ މަސައްކަތް މިހާރު ވަނީ ނިމެން ކައިރިވެފައި ކަމަށާއި އެ ކުޅިވަރު ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުންދާ ކަމަށެވެ. ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް އެމްޓީސީސީން ފަށާނެ ކަމަށާއި މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަހަރުގެ ކުރީކޮޅުގައި އާ ފުޓްސަލް ދަނޑެއް ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.