ރަށު ކައުންސިލުތަކުގައި ހިމެނޭ ކައުންސިލަރުން އަދަދު މަދުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ހުށަހުޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ވެސް ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް އިސްލާހުތައް ގެންނާނެ ކަމަށާއި ކުރިން ނިންމަވާފައިވާ ގޮތަށް ކައުންސިލުތަކުގެ ސައިޒު ކުޑަކުރައްވާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މި ހުށަހަޅާ އިސްލާހަކީ 2000 މީހުންނަށްވުރެ އާބާދީ ކުޑަ ރަށްތަކުގައި ދެން އޮންނާނީ ތިން މީހުންގެ މައްޗަށް އެކުލެވޭ ކައުންސިލުތަކުގެ ގޮތުގައި. 2000 މީހުންނަށްވުރެ ބޮޑެތި ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭނެ. ނަމަވެސް ސިޓީ ކައުންސިލުތަކަށް މިއެއް އެޕްލައިއެއް ނުވާނެ. ސިޓީ ކައުންސިލުތަކަށް ގާތްގަނޑަކަށް މިހާރު އޮތް ނިޒާމު އޮންނާނީ، ބައެއް ސިޓީތަކަށް ކުދިކުދި ބަދަލު އަތުވެދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަތޮޅު ކައުންސިލުތަކަކީ ބޭކާރު ކައުންސިލުތަކެއް ކަމަށާއި އެހެންވީމާ ކުރިއަށްއޮތްތަނުގައި ގާނޫނުއަސާސީ މި އިސްލާހުކުރަނީ އަތޮޅު ކައުންސިލުތައް އުވާލާގޮތަށް ކަމަށެވެ.
"ގާނޫނަށް ގެންނަ އިސްލާހު އެއީ، ކައުންސިލު އިންތިހާބުގެ ކުރިއަށް. މަޖިލިސް ދެން ހުޅުވޭ ދައުރަށް އަޅުގަނޑުމެން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ކުރިން ދެންނެވި ގާނޫނުއަސާސީގެ އިސްލާހު ހުށަހަޅާނަން އަތޮޅު ކައުންސިލު އުވާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީތަކަށް ވެސް ބަދަލު އަންނާނެ ކަމަށާއި ޑަބްލިޔުޑީސީގެ ރައީސާ ވަކިން ހޮވާ ގޮތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޑަބްލިޔުޑީސީގެ ރައީސާއަކީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު