ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، ދިރާގުން "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ޕާޓްނާޝިޕް 2025-2026 އަހަރަށް އައުކޮށްފައެވެ.
ދިރާގުން މިއަދު ބުނީ ޕާޓްނާޝިޕް އާކުރުމާއެކު، ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތަކަށް އެހީތެރިވުމަށް ދިރާގުން އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.
އެ ޕާޓްނާޝިޕްގެ ސަބަބުން، ކާރިސާތަކުގެ ވަގުތުގަ އާއި އާންމު ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާ ކަމަށް ދިރާގުން ބުންޏެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފުރަތަމަ އެހީ ފޯރުކޮށްދިނުން، ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ދިނުމުގެ އިތުރުން ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކެވެ. އެ ޕާޓްނާޝިޕްގެ ސަބަބުން، ދިވެހި ރެޑް ކްރެސެންޓްގެ އިންސާނީ ހިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސީނިއާ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓުން ގައުމަށް ކޮށްދެމުންގެންދާ އަގުހުރި އަދި މުހިންމު މަސައްކަތްތަކަށް އެހީތެރިވެ، އެއްބާރުލުން ދިނުމުގެ ފުރުސަތު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަދި މި ފުރުސަތުގައި ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ކުރައްވަވާ މިންނެއް މަސައްކަތް ފާހަގަކޮށް ދިރާގުގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،'' އޭނާ ވިދާޅުވިއެވެ.
ދިވެހި ރެޑް ކްރެސެންޓުން ފާހަގަކުރިގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި އަދި މަސައްކަތް ފުޅާކުރުމުގައި ދިރާގުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެ އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމުކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު