ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)އަށް މެންބަރަކު އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންނާބެހޭގޮތުން ޝަކުވާ ހުށަހަޅަން އާއްމުކޮށް ހުޅުވާލައިފިއެވެ.

އެއީ އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 ވަނަ ދުވަހަށް ހަމަވާތީ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރަން ރައީސް މުއިއްޒަށް ފެނިވަޑައިގަނަންވާ ތަރުތީބުން ފޮނުއްވި ތިން ނަމެވެ.

އެ ތިން ނަމަކީ:

  1. އަހްމަދު މަގްސޫމް، ސީބްރީޒް / ސ. ހުޅުދޫ
  2. އަމީރާ ނައީމް، ހ. ބުރުޒް
  3. ފާތިމަތު ނަފްއަތު އަބްދުލްވައްހާބް، ދަފްތަރު ނަމްބަރު ދރ 712

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ތިން ބޭފުޅުންގެ ނަން އިއުލާން ކުރެއްވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދުމުގައި އަލަށް ފޮނުއްވި ތިން ބޭފުޅުންނާބެހޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަން މަޖިލީހުގެ އިދާރާއަށާއި، ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 23 އަށް ވަނީ ހުޅުވާލައިފައެވެ.

އެއަށްފަހު މިމަހު 25 ގައި ކޮމިޓީން އެމީހުންނާ އިންޓަވިއު ކުރުމަށާއި، ކޮމިޓީގެ މަސައްކަތް މިމަހު 26 އަށް ނިންމުމަށްވެސް ފާސްކުރިއެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު އަަށަކަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް ދެބޭފުޅެއްގެ ނަން ރައީސް މުއިއްޒު މީގެ ކުރިންވެސް މަޖިލީހަށް ފޮނުވިއެވެ.

ނަމަވެސް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން ލިބެން ޖެހޭ މާކްސް ހަމަނުވުމުން، އޭގެ ތެރެއިން މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން ނަން ކޮމިޓީން ފާހެއް ނުކުރިއެވެ.

އެހެންކަމުން ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މަތި ކަމަށްވާ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަތީ މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ، އަށެވެ.

ޝަފީގު އެޗްއާރުސީއެމަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހެޅުމުން އޭނާއަށް މަޖިލީހުގެ ރުހުން އޮތްކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.